02 ފެބްރުއަރީ 2025
ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެ ކަން ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވި، ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފްތިތާޙުކުރުމަށް މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެ ކަން ތަންފީޒު ކުރެވިގެން ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށާ، އެ ކަމަށް ޓަކައި ކައުންސިލްތައް އަހުލުވެރި ކުރުމުގެ މަސައްކަތްތައް ސިޓީސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑް ދެވޭނެ ގޮތްތަކެއް ވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ލޯންޗްކުރެވުނު ހެޕިނަސް އިންޑެކްސްގެ ރިސާޗް ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއެވެ. ހެޕިނަސް އިންޑެކްސްއާ ބެހޭ 3 މަސައްކަތު ބައްދަލުވުމެއް ފާއިތުވެ ދިޔަ އަހަރު ވަނީ މި މިނިސްޓްރީއާއި، އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ބޭއްވިފައެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.