06 ފެބްރުއަރީ 2025
ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދިވެހިރާއްޖޭގެ ޢިއްޒަތްތެެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މި ޔަޤީންކަން އެ މަނިކުފާނު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އަހަރު ޕޭ ހާމަނައިޒް ކުރެވިގެން މުސާރަ ބޮޑުވެގެންދާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންނާއެކު ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ވެސް ހާމަނައިޒްކުރެވި ބޮޑުކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ކައުންސިލްތައް ބާރުވެރިކުރުމަށް އިސްކަން ދެއްވާ ފަދައިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ވެސް ބާރުވެރިކުރުމަށް އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމަށް ވަޒީފާއާ ބެހޭ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅަން ޖެހޭ އިޞްލާޙުތައް މި މަހު ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޤާނޫނުތަކަށް ގެނެވޭ މި އިޞްލާޙުތަކުގެ ސަބަބުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބުމަށް މަގު ފަހިވާނެއެވެ. ބެންކުތަކުން ދޫކުރާ ލޯނު ހޯދުމަށް ކުރިމަތިވެފައިވާ ހުރަސް ފިލައި، ވިހެއުމުން ލިބޭ ޗުއްޓީ ވެސް އެ ކަނބަލުންނަށް ލިބޭނެއެވެ.