26 ފެބްރުއަރީ 2024
`
اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ! މިއަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށިތާ 13 އަހަރު ފުރޭ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަނަމްޓް އެންޑް ޕަބްލިކް ވަރކްސްއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ހުރިހާ ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި މި ނިޒާމުގައި މަސައްކަތްކުރައްވާ އެންމެހާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ.
ރާއްޖޭގައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގަން ފެށުނީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުން ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ދުސްތޫރީ ބާރު ލިބުނު ދުވަހެކެވެ. ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންގެ މަޝްވަރާގެ މަތިން ފޯރުކޮށްދިނުމަށް ޤާނޫނު ލާޒިމު ކުރި ދުވަހެވެ.
ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރު އޭގެ އެންމެ ފުރިހަމަ މާނާގައި ތަންފީޒުވާކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެކެވެ. ކައުންސިލްތަކަށް
ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވަކި މިނިސްޓްރީއެއް ސަރުކާރުން މިވަނީ އުފައްދާފައެވެ. އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވަމެވެ.
ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، ޚިދުމަތް އަވަސް ކުރުމަށްޓަކައި މިވަނީ ކްލަސްޓަރތައް އުފައްދައި، ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާ ވަރަށް ގާތުން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމުކޮށްފައެވެ. ނަތީޖާއެއްގެގޮތުން، ސަރުކާރުގެ މަރުކަޒީ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް ދަނީ ހަލުއިވަމުންނެވެ. މިނިސްޓްރީގެ އަމާޒަކީ ކައުންސިލްތަކުން ބޭނުންވާ ގިނަ ކަންކަން ކުރުމަށް މާލެ އަންނަންޖެހޭ މިންވަރު މަދުކޮށް، ސަރުކާރާއި ކައުންސިލްތަކާއި ރައްޔިތުންނާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައި، ރައްޔިތުންނާގުޅޭ ކަންކަން ރާވައި ހިންގާ ހުރިހާ ފަރާތްތަކުން ވެސް، ކައުންސިލްތަކާއި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ.
އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، ހެޔޮ ތަޥްފީޤް މިންވަރު ކުރެއްވުމެވެ. އާމީން!
16 ޝައުބާން 1445
26 ފެބުރުވަރީ 2024
والسّــلام عليــكم ورحـمــة اللّـه وبـركاتـه