news photo

ފިލިޕީންސް ދަތުރު އުފެއްދުންތެރި އަދި ވަރަށް ކާމިޔާބު: ވަޒީރު އާދަމް ޝަރީފު ޢުމަރު

11 ފެބްރުއަރީ 2025

އޯޖީޕީ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް  ފިލިޕީންސް ވެރިރަށް މެނީލާއަށް ކުރެއްވި ދަތުރުފުޅު އުފެއްދުންތެރި އަދި ވަރަށް ކާމިޔާބު ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.      ވަޒީރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. 

ވަޒީރުކުރެއްވެވި މި ޕޯސްޓްގައި، އޯޕަން ގަވަރނަންސާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ލޯކަލް ގަވަރމަންޓުތަކަށް ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި، ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަށާއި، ޔޫއެންޑީޕީ މޯލްޑިވްސްއަށް ޝުކުރު ދަންނަވަފައި ވެއެވެ. 

ވަޒީރު ފިލިޕީންސަށް ކުރެއްވެވި މި ދަތުރުފުޅުގައި، ސެކްރެޓަރީ އޮފް ދަ އިންޓީރިއަރ އެންޑް ލޯކަލް ގަވަރމަންޓް އޮފް ދަ ފިލިޕީންސް، ހުއަނީތޯ ވިކްޓަރ ސީ. ރެމޫލާއާ ވެސް ބައްދަލުކުރައްވައިފައިވާ ކަމަށް މިއަދު އެކްސްގައި ކުރެއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ. ހުއަނީތޯ ވިކްޓަރ ސީ. ރެމޫލާއާ ވަޒީރު ކުރެއްވެވި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމާއި ލޯކަލް ގަވަރނަންސް ހަރުދަނާކުރުމާއި، ދިވެހިންނަށް ފިލިޕީންސުން ސްކޮލަރޝިޕް ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް މި ޕޯސްޓްގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ރާއްޖެއަށް ވަޑައިގަތުމަށް ސެކްރެޓަރީ ރެމޫލާއަށް ވަޒީރު އެރުވި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށް ވަޒީރުގެ ޕޯސްޓްގައި ހާމަކުރައްވާފައި ވެއެވެ. 

ކާމިޔާބުކަމާއެކު ލާމަރުކަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި ކަންކަން ކުރައްވާ ގޮތް ދެނެގަނެ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ ޢަލީގައި ހޯއްދެވުމަކީ، ޔޫއެންޑީޕީގެ އެހީތެރިކަމާއެކު މެނީލާއަށް ވަޒީރު ކުރެއްވި ދަތުުރުފުޅުގެ މުހިންމު އަމާޒެކެވެ.