13 ފެބްރުއަރީ 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ ދުންފަތާ ދުރުހެލިވުމަށް ހުރިހައި ޒުވާނުން ސަމާލުކަން ދެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ. ވަޒީރު އާދަމް ޝަރީފު ޢުމަރު މި ގޮތަށް އިލްތިމާސް ކުރެއްވީ ހއ. ދިއްދޫ ކައުންސިލާއި، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވޮލީ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރާއި، ކަސްރަތުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ޚާއްޞަކޮށް ބޮޑެތި ބަލިތަކުން ދުރުހެލިވުމަށް ޓަކައި ކުޅިވަރާއި، ކަސްރަތުކުރުމަކީ ޞިއްޙީ މާހިރުން ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމުކޮށް މި ފަދަ މުބާރާތެއް ދިއްދޫގެ ޒުވާނުންނަށް ބާއްވާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، އެ ދެ ފަރާތަށް، ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މި މުބާރާތް ފެށުމަށް މި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ ރައީސާއި، ދިއްދޫ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެމެންބަރުންނާއި، ދިއްދޫގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.