news photo

ކުނިއަޅަންޖެހޭ ތަންތަނަށް ކުނިއެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: ވަޒީރު އާދަމް ޝަރީފު ޢުމަރު

15 ފެބްރުއަރީ 2025

ސާފުތާހިރުކަމުގެ ރީތި އާދަތައް އަށަގެންނެވުމަށާއި، ޖެހުނު ކޮންމެ ތަނަކަށް ކުނި އުކާލުމުގެ ބަދަލުގައި ޑަސްބިންތަކަށާއި، ކުނި އަޅަން ޚާއްޞަ ތަންތަނަށް ކުނި އެޅުމުގެ އާދަ އަށަގަންނަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ "ރޯދަ ސާފު" ޙަރަކާތުގައި، ވަރަށް ފޯރީގައި މާލެއެކޭ އެއް ގޮތަށް އަތޮޅުތެރޭގައި ހުރި ޕަބްލިކް ވާރކްސް ޔުނިޓުތަކުންނާއި، ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވެސް ބައިވެރިވަމުންދާ ކަން ފާހަގަކޮށް ކުރެއްވެވި ޕޯސްޓެއްގައެވެ. 

ވަޒީރު ކުރެއްވެވި މި ޕޯސްޓްގައި "ރޯދަ ސާފު" ޙަރަކާތުގައި ބައިވެރިވެލެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. 

އެވޭލާ ޒަމާނުން ފެށިގެން ރޯދައަށް ގޯތިގެދޮރު ސާފުކޮށް، ގޯތިގެދޮރުގެ އާބާތުރަފިލުވުމަކީ ދިވެހިން ކުރަމުން އަންނަ ކަމެކެވެ. ދިވެހިންގެ ސަޤާފަތުގެ ރީތި އާދައެއް ވެސް މެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މި ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާ ބެހޭ ވުޒާރާއިން މިއަދު މާލޭގައި ކުރިއަށް ގެންދާ "ރޯދަ ސާފު" ޙަރަކާތުގައި ވަރަށް ގިނަ ޢަދަދެއްގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފައެވެ.