18 ފެބްރުއަރީ 2025
ދިވެހި ސަރުކާރުން ހުށަހެޅުއްވި އިޞްލާޙާ ގުޅިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ރޯދަ ޢިނާޔަތްދޭން ފާސްކޮށްދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި އިޞްލާހު ފާސްކޮށްދެއްވީ ވޯޓުގައި ބައިވެރިވެލެއްވި މެންބަރުންގެ ތެރެއިން 72 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތުންނެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާ ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހެޅުއްވީ، އެ ޤާނޫނުގެ ދަށުން ރަށްތަކާއި، ސިޓީތަކުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރެވުނު އިޞްލާހުގެ ދަށުން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ލަފާގެމަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސް ވެސް ދޭންޖެހޭނެއެވެ. އެ ގޮތުން، މެންބަރުންގެ ތެރެއިން އެހެން ޤާނޫނެއްގެ ދަށުން ރަމަޟާން މަހުގެ އެލަވެންސް ނުލިބޭ ކޮންމެ މެންބަރަކަށް އެ އެލަވެންސްގެ ގޮތުގައި 3000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިޞްލާޙުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ޚާއްސަކުރަން ޖެހޭނީ އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އެ ގޮތުން، މި އިޞްލާޙާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ޙަވާލުކުރަން ޖެހޭ އިރު، ބާކީ ފައިސާ ޙަވާލުކުރަން ޖެހޭނީ އެލްޖީއޭއިން ހަދާ ޤަވާއިދެއްގެ ތެރެއިން ކަމަށް އިޞްލާޙުގައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއް ގޮތަށް، ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަށް ޢަމަލުކުރަން ފެށުމުން، އަންނަ ރަމަޟާންމަހުގެ ޢިނާޔަތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.
އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ ޢިނާޔަތް ދެއްވަން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ މި ދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ.