news photo

ދ. ރިނބުދޫ ކައުންސިލާއެކު އޮންލައިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

18 ފެބްރުއަރީ 2025

ދ. ރިނބުދޫ ކައުންސިލާއެކު އޮންލައިންކޮށް، މި ވުޒާރާއިން ބޭއްވި މަޝްވަރާ ބައްދަލުވުމަކީ އެ ރަށުގައި ހުރި ހުސް ގޯތިތަކާއި، ގެތަކުގެ މައްސަލަ ޙައްލުކުރުމުގައި ކުރިއަށް ދެވިދާނެ ގޮތްތަކަކާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. 

މި ބައްދަލުވުމުގައި އެލްޖީ ޑިޕާޓްމެންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޕްލޭނިންގ ޑިޕާޓްމެންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ އާދަމާއި، ޕްރޮޖެކްޓް ޑިޕާޓްމެންޓް ހިންގެވުމާއި ޙަވާލުހުންނެވި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ރިނބުދޫ ހިމެނޭ ކުލަސްޓަރ ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އިނާޒު ޢަލީއާއި، ދ. އަތޮޅު ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ރާޝިދު ވެސް ބައިވެރިވެލެއްވިއެވެ. 

މި ބައްދަލުވުމުގައި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކުގެ އަލީގައި، އެ ގޯތިތަކާއި، ގެތަކާ މެދު ޢަމަލުކުރެވިދާނެ ގޮތްތަކެއްގެ މަޝްވަރާތައް ވަނީ ރިނބުދޫ ކައުންސިލްގެ މެންބަރުންނަށް އެރުވިފައެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރިނބުދޫގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ މާލެ އަތޮޅުގެ ވެރިރަށް ތުލުސްދޫގައެވެ. ދ. ރިނބުދޫގެ އާބާދީއަކީ 596 އެވެ.