19 ފެބްރުއަރީ 2025
"ރޯދަ ސާފު"ގެ ނަމުގައި ފުވައްމުލަކުސިޓީ ސާފުކުރުމުގެ ބޮޑު ޙަރަކާތެއް ފެށިގެން ކުރިއަށްދާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓުން ހާމަކޮށްފިއެވެ. މި މަހުގެ 15 ވަނަ ދުވަހު ވަޒީރު އާދަމް ޝަރީފު ޢުމަރު މާލޭ ސިޓީގައި ފައްޓަވައިދެއްވި "ރޯދަ ސާފު" ޙަރަކާތާ ގުޅިގެން ފުވައްމުލަކު ސިޓީ ސާފުކުރުމަށް ފުވައްމުލަކު ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓާއި، އެ ސިޓީގެ ވެމްކޯއާ ގުޅިގެން ކުރިއަށް ގެންދާ މި ޙަރަކާތް މި މަހުގެ 16 އިން 23އަށް އެ ސިޓީގައި ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޙަރަކާތުގައި، އެ ސިޓީގެ ގޯތިތައް ރޯދައާ ގުޅިގެން ސާފުކުރުމަށް ފަހު، އުކާލުމަށް ޓަކައި ކުނިގޮނޑާހަމައަށް ގެންދަންޖެހޭ ކުނިބުނި އެއްވެސް އަގަކާ ނުލައި، އެ މުއްދަތުގެ ތެރޭގައި އުކާލަދިނުމުގެ ޚިދުމަތް އެ ސިޓީގެ ވެމްކޯއާ ގުޅިގެން ޕަބްލިކް ވާރކްސް ޔުނިޓުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ސިޓީގައި ހުންނަ ޕަބްލިކް ވާރކްސް ޔުނިޓު ހިންގެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
މިހާތަނަށް އައި އިރު ފުވައްމުލަކު ސީޓީގެ ވަރަށް ގިނަ ގޭގެއިން ވަނީ މި ޚިދުމަތް ލިބިގަނެފައެވެ. އަދި މި ޚިދުމަތަށް ބޭނުންވާ ފަރާތްތަކުން ޕަބްލިކް ވަރކްސް ޔުނިޓް ނުވަތަ ވެމްކޯއާ ގުޅައިގެން ޚިދުމަތް ލިބިގަތުމަކީ "ރޯދަ ސާފު" ޙަރަކާތް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދާ ފަރާތްތަކުގެ ވަރަށް ބޮޑުއެދުމެކެވެ.