news photo

މަޑުއްވަރީއާއި، މީދޫގެ ރައްޔިތުންނަށް އައު އުންމީދެއް

20 ފެބްރުއަރީ 2025

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީއަށާއި، މީދޫ ރައްޔިތުންނަށް އައު އުންމީދެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވައިފިއެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅު "އުފުލަންދޫ" އަކީ މަޑުއްވަރީގެ ބައެއް ކަމަށާއި އަދި "ތާވަތާ"އަކީ މީދޫގެ ބައެއް ކަމަށް ކަނޑައަޅުއްވައިފައެވެ. އެ މަނިކުފާނު މި ގޮތަށް ކަނޑައަޅުއްވައިފައިވާ ކަން ހާމަކުރައްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ޤަރާރެއްގައެވެ.

މި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައި ދެއްވައިފައި މި ވަނީ އެ ދެރަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމަށާއި، ރަށުގައި ހުރި އިޤްތިޞާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، ޢާންމު ސިއްޙަތަށް ވެސް އޮތް އެންމެ ރަނގަޅު ޙައްލުކަމަށް ވާތީއެވެ. 

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ޙާލުއަހުވާލު ބައްލަވައި، އެ ރަށްތަކުގެ ރައްޔިތުން އެންމެ އެދޭ ކަންކަމަށް ވީއެންމެ އަވަސް ޙައްލުތައް ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އުފުލަންދޫ އަކީ  ވެސް މަޑުއްވަރީން ފުރައިގެން 5 މިނެޓުން ދެވޭހައި ކައިރީގައި އޮތް ރަށެކެވެ.

މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީއަކީ އާބާދީގައި 2635 މީހުން ހިމެނޭ ރަށެކެވެ. މީދޫގެ އާބާދީއަކީ 2296 މީހުންނެވެ. މި ދެރަށަކީ ވެސް ބިމުގެ ގޮތުން ކުޑަ އެހެންނަމަވެސް ރަށުގެ ނިސްބަތުން ވެސް އާބާދީ ބޮޑު ދެ ރަށެވެ. ގޯއްޗާއި، ސިނާޢީ މަސައްކަތްތައް ކުރުމަށް އިތުރަށް ބިން ދެވެން ނެތް ދެ ރަށެވެ. މި ދެރަށުގެ ބައެއްގެ ގޮތުގައި ކައިރިން ރަށެއް ހަމަޖެހިގެން ދިޔުމަކީ އެ ދެރަށުގެ ރައްޔިތުންގެ ކުރިއެރުމަށް ލިބުނު އިތުރު ހިތްވަރަކާއި، ޖޯޝެކެވެ. 

މަޑުއްވަރީއަށް، ރައީސް ހަމަޖައްސަވައިދެއްވި އުފުލަންދޫއަކީ މަޑުއްވަރީއަށް ވުރެ، ބިމުގެ ގޮތުން ޖާގަ ތަނަވަސް ރަށެކެވެ. މަޑުއްވަރީއަކީ 26 ހެކްޓަރގެ ރަށެކެވެ. މީދޫއަކީ 34 ހެކްޓަރގެ ރަށެކެވެ. މީދޫއަށް ހަމަޖައްސަވައިދެއްވި ތާވަތާއަކީ މީދޫއަށް ވުރެ ކުޑަ ވިއަސް 5 ވަރަކަށް މިނެޓުން ދެވޭހައި މީދޫއާ ކައިރީގައި އޮތް ރަށެކެވެ.