20 ފެބްރުއަރީ 2025
ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ކައުންސިލްތައް ބާރުވެރި ކުރުވުމަށް ގެންގުޅުއްވާ ސިޔާސަތު، ފަޅު ރަށްތައް ރަށްރަށަށް ދިނުން، ޓެކްސްގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ގޮތް ރޭވުން، ކައުންސިލްތައް ޢިމާރާތްކުރުން، ކައުންސިލްތަކަށް ޒިޔާރަތް ކުރެއްވުން. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ރޯދަ ޢިނާޔަތް ހަމަޖެއްސެވުން. އަދި ހިރިމަރަދޫ މީހުން ބަދަލު ކުރުމަށް ނިންމަވައިފައިވުން. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަތުރުފުޅުން ލާމަރުކަޒީ ނިޒާމަށް ލިބޭ ކުރިއެރުން" ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ތަރައްޤީކުރުމާ ބެހޭ ސިޔާސަތުގެ ގޮތުގައި ވުޒާރާއިން ވަނީ މައިގަނޑު 5 ސިޔާސަތެއް ކަނޑައަޅުއްވައިފައެވެ. އެއީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ސިޔާސަތާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުޅާކުރުމުގެ ސިޔާސަތާއި، ކައުންސިލްތަކަކީ ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާގެ މަތިން، ހާމަކަން ބޮޑުގޮތެއްގައި ހިންގާ، ޖަވާބުދާރީ ވަނިވި މުއައްސަސާތަކަކަށް ހެދުމުގެ ސިޔާސަތާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި ކައުންސިލްތަކަށް ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމުގެ ސިޔާސަތާއި އަދި ޓެކްނޮލޮޖީގެ އެހީގައި ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ އިންޤިލާބީ ބަދަލުތައް ގެނައުމުގެ ސިޔާސަތެވެ.
މީގެ އިތުރުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވުޒާރާއިން މަސައްކަތްކުރާ ގޮތް ވެސް މި ނިއުސް ކޮންފަރެންސުގައި ވަރަށް ތަފްޞީލުކޮށް ވަޒީރު ވަނީ ވިދާޅުވެދެއްވައިފައެވެ. އެ ގޮތުން ކްލަސްޓަރ ސިސްޓަމްގެ ދަށުން 7 ކުލަސްޓަރއެއް އުފައްދާފައިވާ ވާހަކައާއި، ކޮންމެ އަތޮޅަކަށް ޚާއްޞަ ބޭފުޅަކު އައްޔަންކޮށްފައިވާ ވާހަކައާއި، 300 އަށް ވުރެ ގިނަ ކައުންސިލް ބައްދަލުވުން މިހައިތަނަށް ބޭއްވިފައިވާ ވާހަކައަޢި، މަސައްކަތު ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން ކައުންސިލްތަކަށް ޒިޔާރަތް ކުރުން ވެސް ރޭވިގެން ކުރިއަށް ގެންދަވައި ވާހަކަ ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ މި ނިއުސް ކޮންފަރެންސަށް ފަހު ވަޒީރު ވަނީ ނޫސްވެރިން ކުރެއްވެވި ސުވާލުތަކަށް ވަރަށް ތަފްޞީލްކޮށް ޖަވާބު ދެއްވައިފައެވެ.