20 ފެބްރުއަރީ 2025
ވުޒާރާއިން ކުރިއަށް ގެންދާ މުހިންމު ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްވައިފިއެވެ. ޕްރޮޖެކްޓްތަކާ ބެހޭ މަޢުލޫމާތު އެ މަނިކުފާނު ދެއްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ގޮތުން 55 ކައުންސިލް ޢިމާރާތްކުރުން މެލޭސިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލްއާއެކު 20 ޖަނަވަރީ 2025 ގައި އެގްރީމަންޓްގައި ސޮއި ކުރެވި، 12 ރަށެއްގައި ބިންގާ އެޅިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފެބުރުވަރީ 28 ގައި ޓީމު މާލެ ދުރުވެ، ސައިޓްތައް މޮބިލައިޒްކޮށް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް 2025 ވަނަ އަހަރުގެ އޭޕްރީލްގައި ފެށިގެންދާނެ ކަމަށާއި އަދި މި އަހަރު ހުރިހައި ކައުންސިލް އިދާރާތަކުގެ މަސައްކަތް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އަޅާނެ ރަށްތައް ފައިނަލް ކުރެވި އިޢުލާން ކުރެވިފައިވާ ކަމަށާއި، ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށުމަށް ޕްލޭން ކުރެވި، އޭޕްރީލްގައި ފީސިބިލިޓީ ސްޓަޑީ ހަދަން ޓީމް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
48 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށް ހިންގާ ޕްރޮޖެކްޓްގައި އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން 39 ރަށެއްގައި ކުޑަކުދީންގެ ޕާކް ގާއިމުކުރުމަށް ބޭނުންވާ ފަންޑް ހޯދުމަށް ފޮރިންގ މިނިސްޓްރީއަށް ޕޮރޮޕޯސަލް ހުށަހެޅިފައިވާ ކަމަށާއި، އެސް.ޓީ.އޯގެ ސީ.އެސް.އާރް ޕޮލިސީގެ ދަށުން 2 ރަށެއްގައި ކުޑަކުދީންގް ޕާކް ގާއިމުކުރުމަށް ބޭނުންވާ ފަންޑް ހަމަޖެހި، މަސައްކަތް ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަދި 7 ރަށެއްގައި ކުޑަކުދިންގެ ޕާރކް ހެދުމަށް 2025 ވަނަ އަހަރުގެ މި މިނިސްޓްރީގެ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްގެ ގޮތުގައި ހިމެނިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ޕަބްލިކް ވާރކްސް މޯބައިލް 2 ޔުނިޓް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތާއި، 15 އަތޮޅުގައި ޕަބްލިކް ވާރކްސް ޔުނިޓް ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވެސް ވަރަށް ތަފްޞީލުކޮށް ވަޒީރު ވިދާޅުވެދެއްވިއެވެ.