news photo

ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށް މިހާރު ވަނީ ހަމަޖެހިފައި: ވަޒީރު އާދަމް ޝަރީފު ޢުމަރު

20 ފެބްރުއަރީ 2025

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ރަށްރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވާ ސިޔާސަތުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށް ޙަވާލުކުރެވިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމހީރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތިން ކައުންސިލަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަންކުރުމަށް ފަހު ރ. އިނގުރައިދޫ، ދ.އަތޮޅު ކައުންސިލް އަދި ލ. މާވަށު ކައުންސިލަށް ފަޅު ރަށް ޙަވާލުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަސް ކައުންސިލަކުން ހަތް ރަށް ހޯދުމަށް މިހާރު ހުށައަޅައިފައިވާ ކަމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ވިދާޅުވެފައެވެ. އެއީ ހދ. އަތޮޅު ކައުންސިލުން ހދ. ފަރިދޫ، ރ. ދުވާފަރު ކައުންސިލުން ރ. ހިބޫދޫ، ފ. އަތޮޅު ކައުންސިލުން ފ. މަކުނުއެރި، ގއ. ދެއްވަދޫ ކައުންސިލުން ގއ. ވިލިގަލާ އަދި ގދ. އަތޮޅުކައުންސިލުން ގދ. މާނައިދޫއާއި، ވާރެއިދުވާއާއި އަދި ލޮނުދޫ ހޯދުމަށް އެދި ހުށައަޅާފައިވާ ކަމަށެވެ.