24 ފެބްރުއަރީ 2025
ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ބިންގާ ވަޒީރު އާދަމް ޝަރީފު ޢުމަރު އަޅުއްވައި ދެއްވައިފިއެވެ. ބިންގާ އެޅުމަށް އިއްޔެ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅުގެ އެކި ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުންނާއި، ދ. އަތޮޅު ހޮސްޕިޓަލުގެ ވެރިންނާއި، އަތޮޅު ކައުންސިލްގެ ރައީސާއި ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާއި، ޑަބްލިޔޫޑީސީގެ މެންބަރުންނާއި، ކުޑަހުވަދޫގައި ހުންނަ ސަރުކާރުގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައ ިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާއެވެ. 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރްޑީސީއާ ޙަަވާލުކޮށްފައި ވަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 181 މިލިއަން ރުފިޔާއަށެވެ.
އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް ލިބޭނެ ފެސިލިޓީއާއި، ޑެންޓަލް އޯޕީޖީ އަދި ކަށީގެ ފަރުވާތަކަށް ޚާއްޞަ އޯތޯ-ތިއޭޓާ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ތަމްރީނުދިނުމަށް ބޭނުންވާނެ ފެސިލިޓީއާއި، އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީއެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.