25 ފެބްރުއަރީ 2025
އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުޞޫލުން ބޭނުންކުރަމުން ދިޔަ، ދ. އަތޮޅު އުއްދޫ މި ވުޒާރާއަށް ޙަވާލުކުރައްވައިފިއެވެ. އުއްދޫ މި ވުޒާރާއަށް ޙަވާލުކުރައްވައި އެ ކަމުގެ ރަސްމީ ލިޔުން ވެސް ވަނީ ވަޒީރު އާދަމް ޝަރީފު ޢުމަރާ ޙަވާލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެ އަތޮޅު ދެކުނު ބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވައި ދަތުރުފުޅުގައި މީދޫއަށް ވަޑައިގެން މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، މިރެއިން ފެށިގެން އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ހަމަޖައްސަވައިފައިވާ ދ. އުއްދޫ ބަލަހައްޓަވާނީ މި ވުޒާރާއިން ކަމަށާއި އަދި ދަތުރު ދިޔުމުގެ ކަންތައްތައް މި ވުޒާރާއިން ފަހިވެގެން ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ދ. އުއްދޫ، އެ އަތޮޅުގެ ރައްޔިތުން ބޭނުންކުރަންވީ ގޮތުގެ އުޞޫލުތައް އެކުލަވައިލާ މި ވުޒާރާއިން ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށް ވެސް ރައީސް މީދޫގައި ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.