26 ފެބްރުއަރީ 2025
މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން، މި ވުޒާރާއިން އިންތިޒާމްކޮށްގެން ބާއްވާ "ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން" ފެށިއްޖެއެވެ. އެއް ދުވަހުގެ ބައްދަލުވެއްގެ ގޮތުގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުން ކުރިއަށް ދަނީ ވިލާ ކޮލެޖުގެ އޭއޭ ޓަވަރުގެ 11 ވަނަ ފަންގިފިލާގައި ހުންނަ އޯސަން ވިއު ހޯލްގައެވެ.
މިއަދު ފެށުނު މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށާއި، މި ދާއިރާގައި މަސައްކަތްކުރައްވާ އެންމެހައި މުވައްޒަފުން ކަމުގައިވާ އެލްޖީއޭއާއި، ކައުންސިްތަކުގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށާއި، ކުރިން މި ދާއިރާގައި މަސައްކަތްކުރެއްވި އެންމެހައި ބޭފުޅުންނަށާއި އަދި މި ދާއިރާގައި މިހާރު މަސައްކަތް ކުރައްވަމުންދާ އެންމެހައި ބޭފުޅުންނަށް މި އަހަރުގެ ލާމަރުކަޒީ ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޙަޤީޤީ މާނާގައި މިއަދަކީ ދިވެހި ރައްޔިތުންނަށް ވަރަށް ޚާއްޞަ ދުވަހެއް ކަމަށާއި، ޤާނޫނު އަސާސީއަށް އާބާބެއް އެކަށައަޅައި، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ އިޚްތިޔާރު ލިބިދިންކަން، ކަށަވަރުވި ދުވަހެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޖުމްލަ 60 ބައިވެރިންނާއެކު ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސިޓީ ކައުންސިލްތަކުގެ ޑެޕިޔުޓީ މޭޔަރުންނާއި، އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްގެ މެންބަރުންނާއި, އެލްޖީއޭއާއި، މި ވުޒާރާގެ ވެރިން ބައިވެރިވެލައްވައެވެ.