news photo

ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް މި ވުޒާރާއަށް ޙަވާކުރައްވައިފި

26 ފެބްރުއަރީ 2025

އާރުޓީއެލް ފެރީ ނިޒާމާ ގުޅިގެން ޚިދުމަތްދިނުމަށް ހެދިފައިވާ ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް މި ވުޒާރާއާ ޙަވާކުރައްވައިފިއެވެ. މި ތަންތަން މި ވުޒާރާއާ ޙަވާލުކުރެއްވީ، މިއަދު ވިލާ ކޮލެޖުގެ ހޯލުގައި އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ އިޙުތިފާލެއްގައެވެ. 

ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް މި ވުޒާރާއާ، ޙަވާލުކޮށް އެ ކަމުގެ ރަސްމީ ލިޔުމުގައި މި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ. މިނިސްޓްރީ އޮފް ޓްރާންސް ޕޯޓު އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ޕާރމަނަންޓް ސެކްރެޓަރީ ފާޠިމަތު ޝަހާން މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނަރަލް މެނޭޖަރ ޢަލީ ފާޠިޙެވެ. މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ. މިއަދު މި ވުޒާރާއާ ޙަވާލުކުރައްވާފައި ވަނީ ޒޯން 1 ކަމުގައިވާ ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅުގައި ހަދާފައިވާ މި ފަދަ 21 ތަނެކެވެ. 

މިއަދު ޙަވާލުކުރެވުނު ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތަކުގެ ސަބަބުން އާރުޓީއެލް ފެރީގެ ޚިދުމަތް ލިބިގަންނަ އެންމެހައި ފަރާތްތަކަށް އެ ތަންތަން ބޭނުންކުރުމުގެ މަގު ފަހިކޮށްދީ، އެ ތަންތަނުގެ އެންމެހައި ކަންކަން ގާތުން ބެލެހެއްޓުމުގެ ފުރުޞަތު ކައުންސިލްތަކަށް ލިބި، އަދި އެ ތަންތަނުން މާލީ މަންފާތައް ލިބިގަތުމުގެ ޙައްޤު ކައުންސިލްތަކަށް ލިބިގެންދާނެއެވެ.  

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ފެރީ ސްޕޮޓްތަކާއި، ޓާމިނަލްތައް ހަމަޖެހިގެން އެ ދިޔައީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާ ޚިޔާލާ ފުޅުތަކާ ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 3 މަހެއްގެ ތެރޭ މި ކަމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް ކައުންސިލްތަކަށް އެ ސްޕޮޓްތަކާއި، ޓާމިނަލްތައް ޙަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

މިއަދު ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓްރާންސް ޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީނު ވެސް ވާހަކަފުޅުދެއްކެވިއެވެ. މިހާރު އާރުޓީއެލް ފެރީގެ ޚިދުމަތް ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއަރޕޯޓް ހަދާފައިވާ 3 ރަށަކަށް ދެމުން އާދެއެވެ.