news photo

ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން: ސްޓޭޓް މިނިސްޓަރ މާހިރު

26 ފެބްރުއަރީ 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލްތައް ބާރުވެރިކޮށް، ރައްޔިތުންނަށް ދެވޭ  ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ވިދާޅު ވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު މިހެން ވިދާޅުވީ، ލާމަރުކަޒީ ދުވަހާ ގުޅިގެން މިއަދު ބޭއްވި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުން ތަޢާރަފުކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ހެޔޮ ނިޔަތް އޮތް ކަމަށާ، އެ ގޮތުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކަށް ޙަޤީޤީ ބާރުވެރިކަން ލިބޭނީ މާލި ބާރުވެރިކަން ލިބިގެން ކަމަށާ، އެ ކަން ފަހިކޮށް ދެއްވުމަށް ޓަކައި،  ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ވަޞީލަތްތައް ސަރުކާރުން ފަހިކޮށް ދިނުމަށް ވަރަށް ދީލަތި ކަމާއެކު ފަޅު ރަށް ލިބޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދަވާކަމަށެވެ.

މިކަމުގެ ސަބަބުން ލިބޭ މާލީ ބާރުވެރިކަމާއެކު ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެކަން ޤަބޫލް ކުރައްވާކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ވިދާޅުވިއެވެ.