news photo

މިހައި ތަނަށް އައި އިރު މާލޭ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިއްޖެ: ވަޒީރު އާދަމް ޝަރީފު ޢުމަރު

09 މާރިޗު 2025

މިހައި ތަނަށް އައި އިރު މާލޭ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިއްޖެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ކުރެއްވި މި ޕޯސްޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، ރޯދަ ހަދިޔާ މާލޭ ސަރަޙައްދުގައި މިހާރު ދޫކުރާ 13 މަރުކަޒުން، ރޯދަ ހަދިޔާ ދޫކުރާ އެންމެ ފަހު ރެއަކީ މާދަމާ ރެއެވެ. މި ރެއާއި، މާދަމާ ރެއަށް ފަހު މިހާރު ރޯދަ ހަދިޔާ ދޫކުރާ 13 މަރުކަޒު ބަންދުވާނެއެވެ. 

މިހާރު ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަންދުވިއަސް، މާލޭ ސަރަޙައްދުގައި ހުރި މިފްކޯގެ ފިހާރަތަކުން މާރިޗު 11 އިން ފެށިގެން ރޯދަ ހަދިޔާ ލިބިލައްވާނެ ކަމަށް ވެސް ވަޒީރު ކުރެއްވި ޕޯސްޓުގައި ހާމަކުރައްވާފައި ވެއެވެ. ނަމަވެސް ރޯދަ ހަދިޔާއަށް އެދެވޭނީ މިހާރެކޭ އެއްގޮތަށް ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ވަޒީރުގެ ޕޯސްޓުގައި ވެއެވެ.

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ރައްޔިތުންނަށް ކޮންމެ ރަމަޟާން މަހަކު ދެއްވަމުން އަންނަ ހަދިޔާއެކެވެ. މި އަހަރު ހަދިޔާގެ ގޮތުގައި ދެއްވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެކެވެ.