12 މާރިޗު 2025
ރޯދަ ހަދިޔާ ބެހުމުގައި ޙަރަކަތްތެރިވި އެންމެހައި ފަރާތްތަކަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި، ވަޒީރު އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރައްވައިފިއެވެ. ރޯދަ ހަދިޔާ ބެހުމުގައި މި އަހަރު ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ޝުކުރުއަދާކުރެއްވީ ރޭ އެ މިނިސްޓްރީގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓްގައި ބޭއްވި ޚާއްޞަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި، މާލޭ ސިޓީގެ ސަރަޙައްދުގައި ޙަރަކާތްތެރިވި އެ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި މި ޙަފުލާގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި މާލޭ ސަރަޙައްދުގައި، އެ މިނިސްޓްރީގެ މުވައްޒަފުން އާދަޔާ ޚިލާފު މަސައްކަތްޕުޅެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ޓަކައި އެ ކަމުގައި ޙަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރުދެންނެވިއެވެ.
ދޯނިން މަސްދަޅުކޭސް ގެންގޮސް، ސްޓޭޝަންތަކަށް ޖަމާކޮށް، ރޭގަނޑު މަސްދަޅު ކޭސް ބަހައި، ކަސްޓަމަރުންގެ ވެހިކަލްތަކާ ހަމައަށް ފޯރުކޮށްދީ، ބާކީ ހުންނަ ކޭސްތައް ގުދަންތަކަށް ވައްދާ، އަނެއް ދުވަހަށް ބޭނުންވާ ސްޓޮކް އެ ސްޓޭޝަންތަކަށް ފޯރުކޮށްދިނުމަށް ރޭގަނޑާ ދުވާލު ވެހެމުން ދިޔަ ވާރޭ ތެރޭގައި ވެސް، މިނިސްޓްރީގެ ސަތޭކައެއްހައި މުވައްޒަފުން ޙަރަކާތްތެރިވި" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މާލޭ ސިޓީގެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ގެންދެވިފައި ވަނީ ސިޓީސް މިނިސްޓްރީން ކަމަށް ވިއަސް، މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސދިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާ އެކުގައެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
ރޭ ބޭއްވި މި ޙަފުލާގައި މިނިސްޓްރީގެ ގިނަ ޢަދަދެއްގެ ދޭސީ އަދި ބިދޭސީ މުވައްޒަފުން ވެސް ބައިވެރިވެ ލެއްވިއެވެ.