news photo

މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން ދ. މީދޫ އަދި ބަނޑިދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

14 މާރިޗު 2025

ދ. އަތޮޅަށް ފޮނުވި މި މިނިސްޓްރީގެ ވަފުދުގެ ބޭފުޅުން މީދޫ އަދި ބަނޑިދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ވަކިވަކިން ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެ ރަށްރަށުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުންނެވެ. 

އެ ގޮތުން ދ. މީދޫ ކައުންސިލްގެ މެންބަރުންނާއެކު އިއްޔެ މީދޫގައި  ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ އެ ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކާ ބެހޭ ގޮތުންނެވެ. ބައްދަލުވުމަށް ފަހު ވަފުދުގެ ބޭފުޅުން ވަނީ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސައިޓް ވެސް ބައްލަވައިލައްވައިފައެވެ. 

ދ. ބަނޑިދޫ ކައުންސިލްގެ މެންބަރުންނާއެކު ބަނޑިދޫގައި ބޭއްވި ބައްދަލުވުމުގައި އެ ރަށުގެ ޤަބުރަސްތާނުގެ ވަށާފާރު ރޭނުމުގެ މަސައްކަތުގެ މަޢުލޫމާތު ހޯއްދަވައި މަޝްވަރާކުރެވިފައިއެވެ. މި މަޝްވަރާގައި އެ ރަށުގެ ފެނަކަ ބްރާންޗުގެ ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން މި ދެ ޕްރޮޖެކްޓަކީ ވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިޢުލާންކުރައްވާފައިވާ ދެ ޕްރޮޖެކްޓެވެ. ބަނޑިދޫ ޤަބުރަސްތާނުގެ ވަށާފާރުގެ މަސައްކަތް ޙަވާލުކުރައްވާފައި ވަނީ ފެނަކައާއެވެ. ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މި މިނިސްޓްރީންނެވެ. 

މިނިސްޓްރީގެ ވަފުދުގައި ޑެޕިޔުޓީ މިނިސްޓަރ އިބްރާހީމް ފަޔާޒާއި، ޑެޕިޔުޓީ މިނިސްޓަރ ޔާމިން ޢަބްދުލްވައްހާބާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ އައުސްއާއި، ޑިރެކްޓަރ ޢަލީ ޒާހިރު  ހިމެނި ވަޑައިގަންނަވެއެވެ.