news photo

އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި، ޙައްޤުތަކަށް އަރައިނުގަތުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

14 މާރިޗު 2025

އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި، ޙައްޤުތަކަށް އަރައިނުގަތުމަށް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ. މިނިސްޓަރ މި ގޮތަށް އިލްތިމާސްކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ކުރެއްވި މި ޕޯސްޓްގައި، އިތުރަށް ވިދާޅުވެފައި ވަނީ ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާނުލައި، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނަ އިރު، ފަހަތުގައި އަތްޖަހަން ތިބުމަކީ، އެ ފަދަ ނާތަހުޒީބު ޢަމަލުތަކަށް ހިތްވަރުދޭ ބައެއްކަން ދޭހަވާ ކަމެއް ކަމަށެވެ. 

މީގެ އިތުރުން އެ މަނިކުފާނު އެކްސްގައި ކުރެއްވި މި ޕޯސްޓްގައި، ކުޑަކުދިންގެ ޙިމާޔަތާއި، ރައްކާތެރިކަމާއި، އެ ކުދިންގެ ކަރާމާތަށް އަރައިގަންނަ މާޙައުލެއް އުފައްދައިފި ނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ރާއްޖޭގެ މުސްތަޤުބަލު ބަނަވެދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. 

މިނިސްޓަރގެ ޕޯސްޓް ނިންމަވައިލައްވައިފައި ވަނީ ސިޔާސީ ބޭނުމުގައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިނުގަތުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.