news photo

ދަތުރުދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސަވައި ދެއްވި، ދ. އުއްދޫ، ހުޅުވައިލަން ތައްޔާރުވަނީ

14 މާރިޗު 2025

ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސަވައި ދެއްވި، ދ. އުއްދޫ، ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވައިލަން ތައްޔާރުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށިއްޖެއެވެ. 

އެ ގޮތުން އިއްޔެ ވަނީ މި މިނިސްޓްރީން ޓީމެއް އުއްދޫއަށް ޒިޔާރަތްކޮށް އެ ތަނުގެ މިހާރުގެ ޙާލަތު ބައްލަވައިލައްވައިފައެވެ. އަދި ދަތުރުދާ ރަށެއްގެ ގޮތުގައި ހުޅުވައިލާއިރު އެ ރަށަށް ގެންނަންޖެހޭ ބަދަލުތަކާއި، އިންތިޒާމުތައް ހުންނަންޖެހޭ ގޮތް ދެނެގަނެވިފައެވެ. 

މިނިސްޓްރީން އުންމީދުކުރަނީ މި ވަފުދުން އެކުލަވައިލާ ރިޕޯރޓުގެ އަލީގައި، ގެންނަންޖެހޭ ބަދަލުތައް އުއްދޫއަށް ގެނެސް، ރައީސްލްޖުމްހޫރިއްޔާ ނިންމަވައިފައިވާ ފަދައިން ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އުއްދޫ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ. 

މިނިސްޓްރީގެ ވަފުދުގައި ޑެޕިޔުޓީ މިނިސްޓަރ އިބްރާހީމް ފަޔާޒާއި، ޑެޕިޔުޓީ މިނިސްޓަރ ޔާމިން ޢަބްދުލްވައްހާބާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަބްދުﷲ އައުސްއާއި، ޑިރެކްޓަރ ޢަލީ ޒާހިރު ހިމެނި ވަޑައިގަންނަވެއެވެ.