news photo

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އަޅައި 55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަނީ

17 މާރިޗު 2025

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން، މެލޭސިޔާގެ "ހެކްސްޓަރ ގްލޯބަލް"އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ  55 ކައުންސިލް އިދާރާގެ ސިވިލް ވާރކް މަސައްކަތްތައް ޙަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް، މި މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓްޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.  

"ސިވިލް ވާރކް މަސައްކަތްތައް ކުރުމަށްޓަކައި ސްކޯޕް ކަނޑައަޅައި، އެ ކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިޔޫ ހެދުމުގެ މަސައްކަތް ކޮންޓްރެކްޓަރގެ ފަރާތުން މިހާރު އަންނަނީ ކުރަމުން" ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވިއެވެ. 

ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދު ވިދާޅުވި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރެވި، 13 އިދާރާއެއްގެ ބިންގާ މިހާތަނަށް އެޅިފައިވާ، މި ޕްރޮޖެކްޓްގެ ސިވިލް ވާރކް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައި ވަނީ ކައުންސިލްތައް މެދުވެރިކޮށް އިޢުލާންކުރުމަށް ފަހުގައެވެ. އަދި ސިވިލް ވާރކް މަސައްކަތް ޙަވާލުކުރުމުގައި އެ ރަށެއްގެ ގްރޫޕްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

3 އަހަރު ދުވަހުތެރޭ ނިންމާ ގޮތަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ނިމޭއިރު، އެ އިދާރާއަށް ބޭނުންވާ ފަރނީޗަރާއި، އެހެނިހެން ސާމާނު މި ޕްރޮޖެކްޓްގެތެރޭން ހަމަޖެހިގެން ދާނެކަމަށާއި އަދި މި އަހަރުތެރޭ 10 ކައުންސިލް އިދާރާއެއްގެ މަސައްކަތް، ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އަޙްމަދު ރަޝީދު ވިދާޅުވިއެވެ. 

ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލަށް ޢިމާރާތްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން އިސްކަން ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ.