08 އޭޕްރީލު 2024
ދިވެހިރާއްޖޭގައި ޢީދުކުލަގަދަކޮށް ފާހަގަ ކުރުމަށް މުޅި ރާއްޖޭގައި ފުރަތަމަފަހަރު ހިންގުނު "ޢީދު އަލި" ހަރަކާތް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިރޭ ޖުމްޙޫރީމައިދާނުގައި ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައިވެސް ޢީދު އަލި ވަނީ ދިއްލާފައެވެ. މީގެ އިތުރުން ގިނަ ދުވަސްތަކަކަށް މެއިންޓެއިން ނުކުރެވި ހަލާކުވެ ވީރާނާވެފައިވާ ޖުމްޙޫރީމައިދާނުގެ ފައްވާރާ ވެސް މަރާމާތައްފަހު އަލުން މިރޭ އިފްތިތާޙް ކުރެވިފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ރައީސުލްޖުމްޙޫރިއްޔާ ކައުންސިލްތައް ހިއްގުމާއި ރައްޔިތުން ބާރުވެރިކުރުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަކީ ވަރަށް ހަރުދަނާ އަދި ރައްޔިތުން ވަރަށް ބޮޑަށް ބާރުވެރިކުރުވާނެ ސިޔާސަތެއްކަމާއި, ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އިޖްތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ދެއްވާ ސަމާލުކަމަށް ތަޢުރީފް ކުރައްވާފައިއެވެ. އޭގެއިތުރުން ޢީދު ހަދިޔާ ދިނުމާއި, ޢީދު އަލި ފަދަ ހަރަކާތްތައް ރައްޔިތުން ޝުކުރުވެރިކަމާއިއެކު ބަލައިގެންފައިވާކަން ވަޒީރު ފާހަގަ ކޮށްފައިވެއެވެ.
މިހަރަކާތުގައި, ހަރަކާތް ހިންގުނު ހުރިހާ ރަށެއްގައިވެސް ގިނައަދަދެއްގެ އާންމުންނާއި ކުޑަކުދިން ވަނީ މަގުތަކަށް ނިކުމެ ހަރަކާތުގައި ބައިވެރިވެ އުފާފާޅުކޮށްފައެވެ.