23 އޭޕްރީލު 2024
ކައުންސިލްތަކުން ހުށަހަޅުއްވާ ކަންތައްތައް ކުރިއަށް ގެންދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތަށް މަގުފަހިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ސަރުކާރު ތެރެއިން ހަމަޖައްސަވަމުން ގެންދަވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން މި މަހުގެ 24 އިން 25 އަށް ހދ. ހަނިމާދޫގައި ކުރިއަށް ގެންދަވާ މަހާސިންތާ ފަނޯއްލަ ދަރުބާރު އިފްތިތާޙް ކުރުމުގެ ގޮތުން ހދ. ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ކައުންސިލްތަކުން ކަންބޮޑުވުން ހުށަހެޅުއްވީމަ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އަޑުއައްސަވާ! އެއާ އެއްގޮތަށް ވިސްނުންފުޅު ބަދަލުކުރައްވާ! އަދި ކަންކަން ކުރެއްވުމަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާކަން އެއީ މި ނިޒާމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިތުރަށް ހަރުދަނާ ވެގެންދާނެކަމުގެ ވަރަށް ބޮޑަށް އުއްމީދެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރަށް މިވީ ހަތަރު މަސްތެރޭގައި 170އަށް ވުރެ ގިނަ ކައުންސިލް ބައްދަލުކުރައްވައި، އެ ކައުންސިލްތަކަށް ދިމާވެފައިވާ އެކިއެކި ކަންކަމާގުޅޭ ޙައްލުތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅު ކުރައްވާ ކަމުގައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިފެށޭ ފަނޯއްލަ ދަރުބާރުގައި ކައުންސިލްތައް ބާރުވެރިކުރުމާއި، ހިންގުމުގައި މިއަދު ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމުގައި ކައުންސިލަރުންގެ މަޝްވަރާ އާއިއެކު ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރިވެގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.
"މިބައްދަލުވުމަށް ވަޑައިގެންނެވި ބޭފުޅުން ދައްކަވާ ވާހަކަފުޅުތަކާއި ޚިޔާލުފުޅުތައް އެއީ އަޅުގަނޑުމެންނަށް ވަރަށް މުޙިންމު، ވަރަށް ބޭނުންތެރި މަސައްކަތްތަކެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ ބިނާކުރަނިވި ޚިޔާލުތަކާއިއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް" މިނިސްޓަރ ވިދާޅުވިއެވެ.
ފަނޯއްލަ ދަރުބާރު ހދ. ހަނިމާދޫގައި މިމަހުގެ ފަންސަވީހުގެ ނިޔަލަށް ކުރިއަށް ދާއިރު، ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ ކައުންސިލަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ބައެއް ކައުންސިލަރުން ބައިވެރިވެލައްވައެވެ.