26 އޭޕްރީލު 2024
ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ރޭ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތާ، އަޅުގަނޑުމެންގެ އެއްބައިވަންތަކަމާ، އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ވަރުގަދަ ގުޅުމެއްގުޅުވައިލަދޭ ވަރަށް ވަރުގަދަ ހަތިޔާރެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ. މާދަރީބަހުގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު އާދަމް ޝަރީފް ޢުމަރު މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އަޅުގަނޑުމެންގެ މި ޤައުމު ބިނާކުރަން ބޭނުންކަމުގައި ވާނަމަ، އަޅުގަނޑުމެންގެ މި ޤައުމު ތަރައްޤީކުރަން ބޭނުންކަމުގައި ވާނަމަ، ޚާއްޞަގޮތެއްގައި އަޅުގަނޑުމެން މި ޤައުމުގެ ޤައުމިއްޔަތު ދިރުވާ އާލާކުރަން ބޭނުންކަމުގައި ވާނަމަ ދިވެހިބަސް ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހޭކަމަށާއި، އަދި ހަމައެހެންމެ ދިވެހިބަސް ތަރައްޤީކުރުމަށް ޓަކައި އަޅުގަނޑުމެން ހަމަކޮންމެހެންވެސް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ދިވެހިބަހުގެ ދުވަހާ ގުޅޭގޮތުން ބަހުގެ އުސްތާޛުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު އާދަމް ސަލީމާއި، އާދަމް ޢަބްދުއްރަޙުމާނާއި، މުޙައްމަދު ޝާހިދު ޙަލީމުގެ އިތުރުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ބަހުގެ މާހިރުންނާއިި، ޅެންވެރިންނާއި، ލިޔުންތެރިންނާއި ގިނަ ޢަދަދެއްގެ ސުކޫލުކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީން ތައްޔާރުކުރި "ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ" މި ފޮތް ވަނީ ނެރެދެއްވާފައެވެ. ފޮތް ނެރެދެއްވީ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ. ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 14 ވަނަ ދުވަހެވެ. މި ދުވަސް ޚާއްޞަކުރެވިފައި ވަނީ ދިވެހިން މިހާތަނަށް ދުށް އެންމެ އުފެއްދުންތެރި އަދީބުކަމުގައިވާ ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނަށެވެ.