ދިވެހިންގެ އުފާވެރިކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތަށް މާލީ އަދި ފަންނީ އެހީތެރިކަން ޔުނިސެފުން ފޯރުކޮށްދެނީ
05 ޖޫން 2024
ދިވެހިންގެ އުފާވެރިކަން ހުރި މިންވަރު ވަޒަންކުރުމުގެ މަސައްކަތަށް ހެޕިނަސް އިންޑެކުސްއެއް ކަނޑައެޅުމަށް ޔުނިސެފުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދެއްވުމަށް ނިންމާފައި ވަނީ، ވަޒީރު އާދަމް ޝަރީފު ޢުމަރާއި ޔުނިސެފް މޯލްޑިވްސްގެ އިސްވެރިންގެ މެދުގައި މިއަދު ބޭއްވުނު މަޝްވަރާ ބައްްދަލުވުމުގައެވެ.
މިއަދުގެ ބައްދަލުވުމުގައި ހެޕިނެސް އިންޑެކްސް ރާއްޖޭގެ ރަށްތަކުގައި ކަނޑަައެޅުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ގޮތަކާއި އަދި ހެޕިނެސް އިންޑެކްސްއެއް ގާއިމްކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވަޒީރު އާދަމް ޝަރީފު ޢުމަރާއި، ޔުނިސެފް މޯލްޑިވްސްގެ އިސްވެރިން އެ ކަމަށް އަލިއަޅުވައިލައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް ތަރައްޤީވަމުން އަންނަ އިރު ދިވެހިން ބޭނުންވާ އުފާވެރިކަމާއި، އުންމީދުކުރާ ކަންކަމާއި އަދި ރަށްރަށުގެ ޙާލަތު ދެނެގަނެވޭނެ ގޮތްތަކެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި މީގެ ކުރިން ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތް ކުރިއަށް ގެންދަވާ އިރު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކުރެވިގެން އެކުލަވައިލައި އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯރކެއްގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ރަށްތަކަށް އެވޯރޑް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ވަނީ ސަރުކާރުން ނިންމަވާފައެވެ.