30 ޖެނުއަރީ 2024
ލާމަރުކަޒީ ޤާނޫނު ތަންފީޒުކުރުމުގައި މިނިސްޓްރީގެ ތަސައްވުރާއި އަމާޒު އެކުލަވާލުމަށް މި މިނިސްޓްރީ އާއި އެލްޖީއޭ އަދި އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް ގުޅިގެން އިންތިޒާމްކުރެއްވި މަޝްވަރާ ބައްދަލުވުމެއްގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގަންނަވައިފިއެވެ. ތުލުސްދޫގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރގެ އަރިހުގައި މި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން މުޙައްމަދު ރަފީޤު ޙަސަން، މުޙައްމަދު އިބްރާހީމް، މުޙައްމަދު މާހިރު، އަދި އަޙްމަދު އަފްޟަލް އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް، ސިވިލް ސަރވިސް ކޮމިޝަން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިސް ވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި، މިނިސްޓްރީގެ މޭންޑޭޓްގައިވާ ކަންތައްތައް އަދާކުރުމަށް ބޭނުންވާ މުޙިންމު ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިންގެ ޚިޔާލުތައް ހުށަހަޅައި، މި ޚިޔާލުތަކާމެދު ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިފައިވެއެވެ. އަދި، ލާމަރުކަޒީ ނިޒާމު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރެވޭނެ ގޮތްތަކާމެދު ބަހުސްކުރެވި، އަހަންމިއްޔަތުކަން ދޭންވާ މުޙިންމު ޕޮއިންޓުތައް ފާހަގަކުރެވިފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، މި މިނިސްޓްރީއާއި އެލްޖީއޭ އާއި ގާތުން ގުޅިގެން މަސައްކަތް ކުރަމުންދާކަމާއި، އެ އޮތޯރިޓީގެ ޤާނޫނީ މޭންޑޭޓްގެ ތެރޭގައި ހިމެނޭ އެއްވެސް ކަމެއް މިނިސްޓްރީއިން ނުކުރާނެކަމުގެ ޔަޤީންކަން އަރުއްވައި، ލާމަރުކަޒީ ޤާނޫނުން އެލްޖީއޭއަށް ހަވާލުކުރެވިފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ އެންމެހާ ސަޕޯޓެއް މިނިސްޓްރީގެ ފަރާތުން ދެމުން ގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އެރުއްވިއެވެ. އަދި މި ނިޒާމުގެތެރެއިން، ކުރިއަށްވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް އެލްޖީއާއެކީ ކުރެވިގެން ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ އެރުވިއެވެ. އަދި، އެހެން މިނިސްޓްރީތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުގައި، ކައުންސިލްތަކަށް ދަތިވާ ކަންތައްތަކުގައި މި މިނިސްޓްރީއިން މެދުވެރިވެގެން އެ ކައުންސިލްތަކާއި އެ މިނިސްޓްރީތަކާއި ގުޅުވައިދެއްވާކަމާއި، ރައްޔިތުންގެ ހާލު ބެލުމަށްޓަކައި އަތޮޅުތައް ކްލަސްޓަރ ކުރެވިގެން، ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަތުމަށްޓަކައި އެ ކްލަސްޓަރތަކުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ސިސްޓަމެޓިކް ގޮތެއްގައި މި މިނިސްޓްރީއިން ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.