06 ޖޫން 2024
މި ވުޒާރާގެ މެންޑޭޓާއި ގުޅޭ މަޢުލޫމާތު، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނަށް ދިނުމުގެ ދިނުމުގެ ސެޝަނެއް ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ބާއްވައިފިއެވެ.
މި މަޢުލޫމާތުދިނުމުގެ ސެޝަނުގައި މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު ދެއްވާ އަދި މަޖިލީހުގެ މެންބަރުން ކުރެއްވެވި ސްވާލުތަކަށް ޖަވާބު ދެއްވެވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި ޝެޝަނުގައި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިދާރީ ދާއިރާތަކުގެ މަސައްކަތް ބެހިފައިވާ ގޮތާއި މިނިސްޓްރީގެ ފަރާތުން އިދާރީ ދާއިރާތަކަށް ކަނޑައަޅުއްވާފައިވާ ވެރިން ތަޢާރަފު ކުރެއްވުމާއި މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއި ކުރިއަށް އޮތްތާގައި މިނިސްޓްރީން ރާވައި ހިންގުމަށް ހަމަޖެހިފައިވާ ކަންކަމާ ގުޅޭ ތަފްޞީލީ މަޢުލޫމާތު މެންބަރުންނަށް ވަނީ އަރުވާފައެވެ.
މީގެ އިތުރަށް ވެސް ޕަބްލިކް ވާރކްސް ޚިދުމަތް މިހާރު ކުރިއަށްދާ ގޮތާއި، އެ ޚިދުމަތް ފޯރުކޮށް ދެއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭ މަޢުލޫމާތު ވަނީ މެންބަރުންނަށް ހިއްސާކޮށްފައެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ކަންކަން އިތުރަށް އިޞްލާޙުކުރުމަށް ޓަކައި އެ ކަމުގެ ދިރާސާއެއްހެދުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީއާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ޔުނިވަރސިޓީން ނިމުމާއެކު، އާންމުންގެ ޙިޔާލުހޯދާ، ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެވި، އެ ދިރާސާގައިވާ ކަންކަން މަޖިލީހަށް ހިއްސާކުރައްވާނެ ކަމަށެވެ.
މަޢުލޫމާތު ދިނުމުގެ ޝެޝަން ނިންމަވާލުމުގެ ގޮތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބުދުﷲ ވިދާޅުވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްވި މަޢުލޫމާތުތަކަކީ މަޖިލީހުގެ މެންބަރުންނަށް ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ކަމަށާއި މިނިސްޓްރީގެ ފަރާތުން ހުށައަޅުއްވާފައިވާ ކަންކަމުގައި މަޖިލީހުގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުން ލިބިލައްވާނެކަމުގައެވެ.
މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރުންގެ އިތުރުން މި ވުޒާރާގެ އިސްވެރިން ބައިވެރިވެ ލެއްވިއެވެ.