26 އޮކްޓޯބަރު 2025
ފާދިއްޕޮޅު އޮޅުވެލިފުށީގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.
އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި އޮޅުވެލިފުށްޓަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، އޮޅުވެލިފުށީ ކައުންސިލްގެ ރައީސާއި އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. މިއީ މި މަޝްރޫއުގެ ދަށުން މަސައްކަތްފެށި 32 ވަނަ ކައުންސިލްގެ އިމާރާތެވެ.
އޮޅުވެލިފުށީ ކައުންސިލު ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވި އިރު، މިހާރުވެސް 20 އަށް ވުރެ ގިނަ ރަށުގެ ކައުންސިލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.