news photo

ހިންނަވަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025

ފާދިއްޕޮޅު ހިންނަވަރުގައި ޢިމާރާތްކުރާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ.

ހިންނަވަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާދިއްޕޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ހިންންވަރަށް ވަޑައިގެން އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުންނާއި، ހިންނަވަރު ކައުންސިލްގެ ރައީސާއި އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިންނަވަރު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތައް އަލުން އެޅުމަށް، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލް މަޝްރޫޢުގައި ހިމެނޭ މަސައްކަތެކެވެ. މިއީ މި މަޝްރޫއުގެ ދަށުން މަސައްކަތްފެށި 33 ވަނަ ކައުންސިލް ޢިމާރާތެވެ. މިއަދު ހެނދުނު މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ފާދިއްޕޮޅު އޮޅުވެލިފުށީގައި ޢިމާރާތްކުރާ އައު ކައުންސިލްގެ އަމަލީ މަސައްކަތް ވެސް ފައްޓަވައި ދެއްވާފައެވެ.

މިހާރުވެސް 20 އަށް ވުރެ ގިނަ ރަށުގެ ކައުންސިލްގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.