30 ޖެނުއަރީ 2024
ސިޓީސް ލޯކަލް ގަވަރމެންޓް ޕަބްލިކްވޯރކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހއ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ހއ. އަތޮޅުގެ ސާދަ ރަށުގެ ކައުންސިލްގެ ތެރެއިން ތޭރަ ރަށުގެ ކައުންސިލްގެ ރައީސުންނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުވުމުގައި ހއ. އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ މައްސަލަތަކާއި އަދި އެކައުންސިލްތަކުން ބޭނުންވާ ކަންކަން މިނިސްޓަރ އާދަމް ޝަރީފާއި ހިއްސާކުރެއްވިއެވެ.
ރަށްރަށުގެ ކައުންސިލްތަކުން އެންމެ ބޮޑަށް ކަންބޮޑުވި ކަންކަމުގެ ތެރޭގައި ހިމެނެނީ ގިނަ ކައުންސިލް ޢިމާރާތްތައް ވަރަށް ބޮޑަށް ބާވެ، ޖާގައިގެ ދަތިކަން އިހްސާސްކުރަންޖެހުމާއި ،ރައްރަށުގެ އުމްރާނި ތަރައްޤީއާއި ކުރިއެރުން ވީހާވެސް ހަލުވިމިނުގައި ކުރިއެރުމައް މަސައްކަތް ކޮށްދިނުމަށް ކަމަށް މިނސްޓަރ އަރިހު ދެންނެވިއެވެ. މީގެއިތުރަށްވެސް ރަށްރަށުގެ ޕަބްލިކް އަދި މުނިސިޕަލް މަސައްކަތް ކުރުމައްބޭނުންވާ މެޝިނަރީޒް އާއި އެކި އެކި އާލަތްތައް ފަސޭހަނިޒާމެއްގެ ތެރެއިން ހޯދުމާއި ހއ، އަތޮޅުގައި ޕަބްލިކް ވޯރކުސް ސައިޓެއް ގާއިމްކޮށްދެއްވުމަށް ކައުންސިލަރުން ހުށައެޅުއްވިއެވެ،
މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުގައި ކައުންސިލްތަކަށް ދިމާވެފައިވާ އޮފީސް ޖާގައިގެ ދަތިކަން ހައްލުކުރުމަކީ އަލަށް ރައީސުލްޖުމުހުރިއްޔާ ޑރ މުއިއްޒު އުފެއްދެވި ސިޓީސް ލޯކަލްގަވަރމެންޓް މިނސްޓްރީން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވާނެ ކަންތައްތަކެއްކަމުގައި ހާމަކުރެއްވިއެވެ. އަދި މީގެ އިތުރަށް ވެސް ބަޖެޓް ހަމަޖެހޭ މިންވަަރަކުން އަތޮޅުތެރޭގައި ޕަބްލިކް ވާރކްސް ޔުނިޓް ތައް އުފައްދަވާނެކަމުގައިވެސް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރިފުގެ އިތުރުން މިނިސްޓްރީގެ ހއ،ހދ،ށ މިތިން އަތޮޅުބަލަހައްޓަވާ ރީޖަން އިސްވެރިން ބައިވެރިވެލެއްވިއެވެ،