news photo

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު އިފްތިތާޙް ކޮށްދެއްވައިފި

07 ޖުލައި 2024

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމް.އެލް.ސީ.އޭ)ގެ ފުރަތަމަ އާންމު ޖަލްސާ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، ބ. ކަމަދޫގައި އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެމް.އެލް.ސީ.އޭއަކީ ސިޓީކައުންސިލާއި، އަތޮޅުކައުންސިލާއި އަދި ރަށުކައުންސިލްތަކުގެ ތެރެއިން އެ އެސޯޝިއޭޝަންގެ މެންބަރޝިޕް ހިމެނޭ ދާއިރާތަކުގެ ކައުންސިލަރުން ހިމެނޭގޮތަށް މަސައްކަތްކުރުމަށް އުފެއްދި ޖަމްޢިއްޔާއެކެވެ.

މި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު މި ޖަމިއްޔާ އުފެދިގެންދާ އިރު ސަރުކާރުގެ ފަރާތުން ކައުންސިލްގެ ކަންކަން ބާރުވެރިކުރުމާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެއްވުމަށް ޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާ، މި ފަދަ ކަންކަމުގައި ކައުންސިލްތަކަށް ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމުގައެވެ.

"މި މަސައްކަތަކީ އެންމެން ޝާމިލްވާ ގޮތަށް މި ޖަމްޢިއްޔާގެ މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުގެ ތެރެއިން ކޮށްދެންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރަންޖެހޭ ކަނކަން ކުރުމުގައި މި ފަދަ ޖަމްޢިއްޔާތަކާއި އެކުގައި، އެއީ ކައުންސިލެއް ކަމުގައި ވިޔަސް އެ ކައުންސިލާއި އެކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ވަރަށް ސާބިތުކަމާއެކު ކޮށްދޭނެ ވާހަކަ މިއަދު ވެސް ތިޔަ ބޭފުޅުންގެ މަޢުލޫމާތަށް ޓަކައި ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ ނިޒާމެއްގެ ގޮތުގައި ކައުންސިލްތަކުން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނަވައި ކަމަށާ، މިއަދު މި އުފެދޭ ޖަމްޢިއްޔާގެ ސަބަބުން ވެސް ރައްޔިތުންނަށް ފައިދާވާ މަސައްކަތްތަކެއް ކުރާ ޖަމްޢިއްޔާއަކަށް މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.