31 މާރިޗު 2026
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ކައުންސިލު އިދާރާތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލުވުމަށް ބައެއް ރަށްރަށަށް މިނިސްޓަރ މި ވަގުތު ދަނީ ދަތުރުކުރައްވަމުންނެވެ. އެ ދަތުރުގެ ތެރެއިން ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ދަތުރުގެ ސަބަބުން ކައުންސިލް އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވި ކަމަށެވެ.
''ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ'' މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެއެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.