news photo

55 ކައުންސިލް މަޝްރޫޢު ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދޭ: މިނިސްޓަރ

25 މާރިޗު 2026

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ 55 ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

''ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ކުރިއަށް އެބަދޭ، ބައެއް ރަށްރަށުގައި ހިޔާކުރުމާއި އަދި އަނެއްބައި ރަށްރަށުގައި ރޭނުމުގެ މަސައްކަތް ކުރިއަށް އެބަދޭ'' މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.