09 ޖޫން 2024
ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިންސާނީ ތަރައްޤީގައި ޗައިނާއަކީ ބޮޑު ޙިއްޞާދާރެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ ޗައިނާގެ އެހީގައި ހިންމަފުށީގައި ޖެހި މަގުބައްތިތައް ދިއްލުމަށް އިއްޔެ ހަވީރު ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ހިންމަފުށީގެ މަގުތަކުގައި ސޯލާ މަގުބައްތި ޖެހުމަށް ހިންގި މި މަޝްރޫޢުގެ ދަށުން އެ ރަށުގައި ވަނީ 165 ބައްތި ޖަހައިފައެވެ. ސޯލާ މަގު ބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ހިންމަފުށީގައި މި ޖެހި ސޯލާ ބައްތީގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަން އިތުރުވުމާއެކު، ކާބަން ފުޑް ޕްރިންޓް ކުޑަ ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވައި ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ޗައިނާއަކީ ބައިނަލްއަޤުވާމީ މަޝްރަޙުގައި ދިވެހިރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ އެއް ފަރާތް ކަމަށް ވިދާޅުވެ، ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރުދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭ ސިޓީގެ މޭޔަރކަމުގެ މަޤާމުގައި ހުންނަވައިގެންނާއި، ވެރިކަމަށް ވަޑައިގެން މި ފާއިތުވެ ދިޔަ 7 މަހުގެ ތެރޭ ކައުންސިލުތައް ބާރުވެރި ކުރުވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ވަނީ ކުރައްވަައިފައެވެ. އެ ގޮތުން ކައުންސިލުތަކަށް ބޭނުންވާ ވަޞީލަތްތައް ހޯއްދަވައި ދެއްވުމާއި، ކައުންސިލުތަކަށް ބޭނުންވާ މާލީ ބާރުވެރިކަން ހޯއްދަވައި ދެއްވުމަށް ކައުންސިލުތަކަށް ފަޅުރަށްރަށާއި، ފަޅުތައް ލިބޭނޭ ގޮތް ހަމަޖެއްސުމުގެ އިތުރުން ރަށްރަށަށް ލިބޭ އާންމުދަނީގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޓަކައި މިހާރު އަންނަނީ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މީގެ އިތުރުން ކައުންސިލުތަކަށް ދިމާވެފައިވާ ޢިމާރާތުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް 50 ރަށެއްގެ ކައުންސިލު އިދާރާ އެޅުމުގެ މަސައްކަތް މި އަހަރުތެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވެސް ވާހަކަފުޅުދެއްކެވިއެވެ. މި ރަސްމިއްޔާތަށް ޓަކައި ވަޒީރާއި، ޗައިނާ ސަފީރު ހިންމަފުއްޓަށް ވަޑައިގަތުމުން ހިންމަފުށިން ހޫނު މަރުުޙަބާއެއް ކިޔައިފައިވެއެވެ .