news photo

ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްފި

09 ޖުލައި 2024

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވެވި އެކްސް ޕޯސްޓްގައި ވިދާޅުވީ ޗައިނާ ސަރުކާރުގެ އެހީގައި ކ.ހިންމަފުށީގައި 165 ސޯލާ މަގުބައްތި ހަރުކޮށްދެއްވުމަކީ ދެމެހެއްޓެނިވި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި ކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާކަން ހާމަވެގެން ދާނެކަމަށެވެ.

ހިންމަފުށީގައި ޖެހި މަގުބައްތިތައް ދިއްލުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވައިފައިވާ ސަފީރު އެކްސެލެންސީ ވާންގް ލިޒިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، މި އެހީއަކީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަމެއް ކަމަށާއި ތަރައްޤީއަށް ބޭނުންވާ މި ފަދަ ޒަމާނީ ވަޞީލަތްތަކާއި، އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށް ދެއްވުމުގައި ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ހިންމަފުށީގައި މަގުބައްތިތައް ހަރުކޮށްނިމި ޚިދުމަތް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލުގެ ފަރާތުން ދެންނެވި ހޫނު މަރުޙަބާއަށް ޓަކައި ކައުންސިލާއި، އެ ރަށުގެ ރައްޔިތުންނަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވެވި ޕޯސްޓްގައި ޝުކުރު ދަންނަވައިފައި ވެއެވެ.