news photo

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ:މިނިސްޓަރ އާދަމް ޝަރީފް

20 ޖުލައި 2024

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

"ނާރެސް" ޕޯޓަލް އިފްތިތާޙްކޮށް އޮޕަރޭޝަން "ކުރަނގި"ގެ ދެ ވަނަ ފިޔަވަހި ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމުގައެވެ. އަދި އެ ބަދަލުތަކަކީ ކައުންސިލްތަކުން ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކެއްގެ ގޮތުގައި ކައުންސިލްތައް ހެދުމެވެ. އަދި އެއީ ރައީސްގެ ޒަޢާމަތުގައި ކުރިއަށް ގެންދަވާނެ ބަދަލެއް ކަމުގައެވެ.

"ދަޢުލަތުގެ މުއައްސަސާތަކުން ކައުންސިލަށް ޙަވާލުކުރެވޭ ކޮންމެ މަސައްކަތެއް ކުރުމަކީ އެއީ ކައުންސިލްތަކުން ކުރަން ޖެހޭ ކަމެއް. އެ ކުރަން ޖެހޭ މަސައްކަތްތަކަށް ބޭނުންވާ ވަޞީލަތްތަކާއި އެހީތެރިކަން ލިބިގެން ކުރެވިގެންދާ އިރު އެ ކަންކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުން ކުރަމުން އަންނަ މަސައްކަތްތަކެއް" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސްގެ ޒަޢާމަތުގައި ކައުންސިލްތައް ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައި ކަމަށާ، އެ ގޮތުން ކައުންސިލްތަކުގެ ދަރަޖަ ހަތަރަކުން ތިނަކަށް މަތިކުރައްވާފައިވާ ކަމަށާއި އަދި ކައުންސިލްތައް ޢިމާރާތްކުރުމުގެ މަޝްރޫޢެއް ވެސް ރައީސް އިޢުލާންކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރަށް ވެސް ރަށްރަށުގެ އިޚްތިޞާޞްގެ ތެރޭގައި ފަޅުރަށްރަށް ނެތް ރަށްރަށަށް އެ ފަދަ ފުރުޞަތު ލިބޭ ގޮތަށް އެކަން ވެސް ފައްޓަވައި ދެއްވައިފައިވާ ކަމުގައި ވަޒީރު އާދަމް ޝަރީފު ފާހަގަ ކުރެއްވިއެވެ.

"ރަށްރަށަށް ލިބޭ ޓެކްސްގެ ދިހަ އިންސައްތަ ރަށްރަށުގެ ކައުންސިލް ހިންގުމަށް ލިބޭނެ އިންތިޒާމް ފަހިކޮށް ދެއްވުމަށް ޓަކައި ޤާނޫންތަކަށް އެ ގެންނަން ޖެހޭ ބަދަލުތައް ގެންނަވައި އެ ކަންކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު އިޢުލާން ކުރައްވައިފައިވޭ. މި ދެންނެވި ކަންތައްތަކުގެ އަލީގައި އިރާދަކުރެއްވިޔާ މި ރާއްޖޭގައި މިއަދު ހިނގަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތައް ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ޗެމްޕިއަނަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރައީސްގެ ވަޢުދުފުޅާއި އެއް ގޮތަށް ރަށްރަށަށް ލިބޭ ޓެކްސްގެ ދިހަ އިންސައްތަ ރަށްރަށުގެ ކައުންސިލް ހިންގުމަށް ލިބޭނެ އިންތިޒާމް ފަހިކޮށް ދެއްވުމަށް ޓަކައި ޤާނޫންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނެވުމުގެ މަސައްކަތް މިހާރުދަނީ ކުރައްވަމުންނެވެ.