news photo

ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އެއް އަހަރު ފުރުމުގެ އިޙުތިފާލު ވަޒީރު ޝަރަފުވެރިކޮށްދެއްވައިފި

28 ޖުލައި 2024

ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް އެއް އަހަރު ފުރުމުގެ އިޙުތިފާލު ވަޒީރު އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ރޭ ތުލުސްދޫގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ވެސް އެކަށީގެންވާ ދިގު މުއްދަތެއްގައި އެކި ފަހަރު ތުލުސްދޫއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ލިބިގެން ދިޔަ ކަމަށް ވިދާޅުވެ، ތުލުސްދޫއާ ދޭތެރޭ އަބަދުވެސް ތަޞައްވުރުކުރެވޭ ގޮތެއް އުންމީދުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވިއެވެ. އަދި އުތުރުގައި އެންމެ ފަހަގަކުރެވޭ އެއް ރަށުގެ ގޮތުގައި ތުލުސްދޫ އޮންނަން ޖެހޭ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވަޒީރުދެއްކެވި ވާހަކަފުޅުގައި ވިޔަފާރީގެ ގޮތުން ތުލުސްދޫ ވަނީ މީގެ އެތައް އަހަރެއް ކުރިން ތާރީޚުގެ ތެރެއަށް ވަދެފައި ކަމަށް ވިދާޅުވެ، އެ ތާރީޚު އިޔާދަ ނުކުރެވެވެންވީ އެއްވެސް ސަބަބެއް މިހާރު ތުލުސްދޫގައި ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ތުލުސްދޫއަކީ މީސްކޮޅު މަދުނޫން، މީސް ހެޔޮ ރަނގަޅު އަދި ހަމައެއާކު ޞުލްޙައަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްޤީގެ ވިސްނުމާ ފިކުރު އަދި އިޤްތިޞާދު ކުރިއެރުވުމުގެ ވެސް ރަނގަޅު ވިސްނުމާ ފިކުރު އޮތް ރަށެއް ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވަޒީރު ދެއްކެވިވާހަކަފުޅުގައި ނިމިދިޔަ ހަފުތާގައި އެއް އަހަރުވި ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރައްވާ މަސައްކަތްތަކުން މާ ބޮޑު ފައިދާތަކެއް އަދި ނުލިބުނަސް، ރައްޔިތުންނަށް އެ ކުންފުނީގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެން އަންނަކަމީ އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވައި މަސައްކަތްތަކާ، ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީން ކުރައްވަމުން ގެންދަވައި މަސައްކަތްތަކުގައި ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ތުލުސްދޫގައި ބަނދަރު ސަރަޙައްދުގައި އޮތް މި ރަސްމިއްޔަތުގައި ވަޒީރު ވަނީ، ޖަލްސާގައި ވަޒީރާ ބެހޭ ގޮތުން ކައުންސިލުގެ ރައީސް ވިދާޅުވި ހެޔޮ ބަސްފުޅުތަކަށް ޝުކުރުއަދާކޮށްފައެވެ. މި ރަސްމިއްޔާތުގައި ތުލުސްދޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނެޖިންގ ޑައިރެކްޓަރާއި ތުލުސްދޫ ކައުންސިލުގެ ރައީސް ވެސް ވާހަކަފުޅުދެއްކެވިއެވެ.