31 ޖެނުއަރީ 2024
މިއަދު މިނިސްޓަރ އާދަމް ޝަރީފް އުމަރު ޕަބްލިކް ވާރކްސްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި އެވެ. މިބައްދަލުވުމުގައި މިނިސްޓަރި އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެން މުވައްޒަފުން ވަނީ އެމަނިކުފާނަށް ތަހުނިޔާ ދައްނަވާފަ އެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ ދާދި ފަހުން މާލޭ އާއި ބައެއް ރަށްތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވި ރަށްރަށުގައި ފެން ހިންދުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޕަބްލިކް ވާރކްސްގެ މުވައްޒިފުންގެ މަސައްކަތް ފާހަގަ ކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ޕަބްލިކް ވާރކްސްގެ އުޅަނދުފަހަރާއި ހިފާ ގެންގުޅޭ ތަކެތި މަރާމާތުކޮށް ފުރިހަމައަށް ބޭނުން . ކުރެވޭނެ ހާލަތުގައި އަބަދުވެސް ބެހެއްޓުމަށް އިލްތިމާސް ކުރައްވާފަ އެވެ. ވަޒީފާގެ މަޤާމުގައި އެއްވެސް ނަހަމަ ފައިދާއެއް ނުނެންގެވުމަށާއި ކޮރަޕްޝަނަށް ހުޅުވިފައިވާ ހުރިހާ ދޮރެއް ބަންދުކުރުމަށް ހުރިހާ މުވައްޒިފުން ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ޕަބްލިކް ވާރކްސްގެ ވަސީލަތްތަކާއި ބަޖެޓުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި ރައްޔިތުން ބޭނުންވާފަދަ ހިދުމަތްތަކެއް ދެއްވުމަށް މިނިސްޓަރ ވަނީ އެދިލައްވާފަ އެވެ. ޕަބްލިކް ވާރކްސްގެ ހުރިހާ މުވައްޒިފުންނަށް މިނިސްޓަރ އާއި ބައްދަލުކުރައްވައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހިއްސާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީން މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ އަރުވާފަ އެވެ.