ރާއްޖޭގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމުގައި ދިރާގަކީ ވަރަށް ޚާއްޞަ މަދަދުޤާރެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ "ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގ" ވުން ފާހަގަކުރުމަށް ދިރާގުން މިއަދު ހަވީރު ހުޅުމާލޭގެ ފޭސް 2 ގޮނޑުދޮށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ޙާލަތެއް، އެ ޙާލަތުން އަރައިގަތުމުގައި، ހާލަތު ދެނެގަތުމުގައި އަދި ވަގުތުން ވަގުތަށް މަޢުލޫމާތު ހޯދައިދީ، ފޯރުކޮށްދިނުމުގައި، ދިރާގަކީ ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ.
"މިއަދު ސި-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާއެކީގައި ދިވެހިރާއްޖެ ގްލޯބަލް ސްޕަރ ހައިވޭއަށް ގުޅައިލަދިނުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ރާއްޖޭގެ އެ ނޫން ވެސް ސިނާޢަތްތަކަށް ވަރަށް ބޮޑު އިންޤިލާބީ ބަދަލެއް އައިސްގެންދާނެ. ޙަޤީޤަތުގައި މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގެ ޙާޟިރީންނާ މުޚާޠަބުކޮށް ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ދިރާގުގެ މި ބޮޑު އިންވެސްޓްމަންޓަކީ ޙަޤީޤަތުގައި އޭގެ ސަބަބުން ރާއްޖޭގެ މުވާޞަލާތީ ނިޒާމް ވަރަށް ބޮޑަށް މިނިވަންވެ، އަދި އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މި ކަމުގެ ސަބަބުން ބައިނަލްއަޤްވާމީ ގޮތުން ބެލި ކަމުގައި ވިޔަސް ޑިޖިޓަލް ހަބެއްގެ ގޮތުގައި ދިވެހިރާއްޖެ ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ މި ކޭބަލުގެ ސަބަބުން ރާއްޖޭގެ އިންޓަނެޓްގެ ސްޕީޑް ވަރަށް ބޮޑަށް ހަލުއިވެ، އަގުހެޔޮވެ، އަދި އަޅުގަނޑުމެން ހީނުކުރާވަރުގެ ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމުގައެވެ.
"ޚާއްޞަކޮށް ދިވެހިރާއްޖެއަކީ ޓެންނޮލޮޖީއާ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ޤައުމަކަށް ވާ އިރު އެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ވަރަށް ބޮޑު އެހީތެރި ކަމެއް ލިބިގެންދާނެ. ރާއްޖޭގައި މިއަދު އެކިއެކި މުވާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއީ ޞިއްޙީ ދާއިރާ ކަމަށް ވިޔަސް، ތަޢުލީމީ ދާއިރާ ކަމަށް ވިޔަސް މަތީ ތަޢުލީމް ފޯރުކޮށްދިނުމުގައި ވެސް މި ޚިދުމަތުގެ ސަބަބުން ރާއްޖެއަށް އަޅުގަނޑުމެން ހީނުކުރާ ވަރުގެ ބޮޑެތި ބަދަލުތައް ގެނެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ހުޅުމާލޭ ފޭސް 2 ގައި މިއަދު ހަވީރު އޮތް މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި، ދިރާގުގެ ބޯޑު މެންބަރުންނާއި، ކޭމްގެ ސީއީއޯ އިލްޔާސް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.