ކ. ތުލުސްދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓްރީއާ، މި ވުޒާރާއާ ހިއްސާކޮށްފިއެވެ. މި ވުޒާރާގައި މިއަދު އޮތް މި ބައްދަލުވުމުގައި އެ ކޮމްޕެނީ ހިންގުމުގައި ހުރި ޤާނޫނީ ފުށުއެރުންތަކާ މެދު ވާހަކަދެކެވި މަޝްވަރާކުރެވިފައި ވެއެވެ.
އެ ގޮތުން ތުލުސްދޫ ކައުންސިލުގެ ޕްރޮޖެކްޓްތަކާ، ޕްރޮކިޔުމަންޓަށް އެ ކޮމްޕެނީން ހުށަހެޅުމާ، އެ އޮތޯރިޓީއާ، ކައުންސިލަކީ ޤާނޫނީ 2 ޝަހުސު ކަމަށް ވާތީ، ކައުންސިލުގެ އެސެޓް ކޮމްޕެނީގެ ނަން މައްޗަށް ބަދަލުކުރުމާ، އެ ކޮމްޕެނީއަށް ގެޒެޓް އައިޑީއެއް ހޯދުމާ، އަދި ކައުންސިލަށް ހުށަހެޅޭ އީއޯއައި (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ކުރިއަށް ގެންދިއުމާ، ކޮމްޕެނީގެ ނަންމައްޗަށް ބިން ރަޖިސްޓްރީކުރުމާ، ކޮމްޕެނީއަށް ކައުންސިލުން ބިން ޙަވާލުކުރުމާ އަދި އޮޑިޓް ރިޕޯރޓް ހުށަހެޅުން ފަދަ ކަންކަން ކުރިއަށް ގެންދިއުމުގައި ހުރި ފުށުއެރުންތަކާ މެދު މަޝްވަރާކުރެވިފައި ވެއެވެ.
މި ބައްދަލުވުމުގައި އެ ކޮމްޕެނީގެ މި ކަންބޮޑުވުމާ ގުޅިގެން ޢަމަލުކުރަންވީ ގޮތްތައް ސާފުކޮށްދެވިފައި ވެއެވެ. އެ ގޮތުން ގެޒެޓް އައިޑީ ލިބެނީ ސަރުކަރުގެ އިދާރާތަކަށް ކަމަށް ވަޒީރު އާދަމް ޝަރީފު ވިދާލުވި. ކައުންސިލުތަކުގެ ޕްރޮޖެކްޓްތަކަށް އޮންނަ ޕްރޮސީޖާއާ އެއްގޮތަށް ބިޑް ހުށައަޅައިގެން އެ ކޮމްޕެނީ އަށް މަސައްކަތްކުރެވި ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ އެ ކަންކަން ކޮމްޕެނީގެ މަޤްޞަދުގެ ތެރޭގައި ހިމެނެންޖެހޭނެ ކަން އިކޮނޮމިކް ވުޒާރާގެ ބޭފުޅުން ހަނދުމަފުޅުކޮށް ދެއްވިއެވެ. ކައުންސިލުގެ އެސެޓް ކޮމްޕެނީއަށް ބަދަލުކުރާ ނަމަ، އެސެޓް އަގުކުރުމަށް ފަހު ކޮމްޕެނީގެ ޝެއަރއަށް ވުރެ ބޮޑުނުވާ ނަމަ ކުރެވިދާނެކަމަށް ވިދާޅުވެފައި ވެއެވެ. ބިން ޙަވާލުކުރުމާ ރަޖިސްޓްރީކުރުމުގައި ބިމާ ބެހޭ ޤާނޫނު ކަމުގައިވާ އެލްޔޫޕީ (ބިނާވެށި ޕްލޭން)އާ ޚިލާފު ނުވާ ނަމަ ޕްލޭނިންގ މިނިސްޓްރީގެ ލަފާ ހޯދައިގެން ކުރެވިދާނެ ކަމަށް ލަފާދެއްވައިފައި ވެއެވެ. އަދި ކޮމްޕެނީގެ އޮޑިޓް ރިޕޯރޓް ޓެކްސްގައި އޮންނަ އުޞޫލާ އެއްގޮތަށް މީރާ އަށް ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެ އުޞޫލަށް ނުފެތޭ ނަމަ އޮޑިޓަރެއްގެ ސޮއިއާއެކު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެ ކަމަށް ލަފާ ދެއްވިއެވެ.
މި ވުޒާރާގެ އިސްވެރިން ބައިވެރިވެ ލެއްވި މި ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކުން ކޮމްޕެނީތައް ހިންގާ އިރު، ޤާނޫނާ ޤަވާޢިދުތަކަށް ޢަމަލުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައި ލެއްވިއެވެ.