މާލޭސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު "މީރުމާ" މާލަމްގައެވެ. މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އެލްޖީއޭގެ ސީ.އީ.އޯއާއި، މާލޭސިޓީގެ މޭޔަރއާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މާލޭސިޓީގެ މެންބަރުންނާއި އަދި ބޭރުގެ ބައެއް އެމްބެސެޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހުވާކުރެއްވީ، މާލޭސިޓީ ކައުންސިލުގެ ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޮޅި މެދު ދާއިރާއާއި އަދި ހުޅުމާލެ ދާއިރާއަށް އިންތިޚާބުވި ކައުންސިލަރުންނެވެ.
ހެނވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފާތިމަތު ޝައުފާ ސަލީމް އެވެ. މައްޗަންގޮޅި މެދު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވީ ފާޠިމަތު އިންޝާ ޢަލީއެވެ. ހުޅުމާލެ ކައުންސިލަރު ކަމަށް އިންތިޚާބު ވެވަޑައިގެންނެވީ ޢަލީ އައިމަންއެވެ.
ކައުންސިލަރުން ހުވާކުރެއްވުމަށް ފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ހުވާކުރެއްވި ތިން މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކައުންސިލުތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 30 ދުވަހުގެ ތެރޭގައި މަގު ބައްތިތަކުން ކަރަންޓު ކަނޑާލަން އެންގުން ކަމަށެވެ.
ވަޒީރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން މިނިސްޓްރީން އިސްނަގައިގެން ފެނަކައާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އަދި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން މިހާރު ހަ މަސްދުވަހުގެ މުހުލަތު މިކަމަށް ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕްލޭނެއް ހެދިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރަށްރަށުގެ މަގު ބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ޙައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ، ނިޒާމް ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސް ފިޔަވަޅުތަކެއް ތަންފީޒުކުރައްވަން ފައްޓަވައި ފައިވާ ކަމަށާ، އެ ގޮތުން ރަށްރަށުގެ ކައުންސިލުތަކަށް 25 އަހަރުގެ ދިގު މުއްދަތަށް ފަޅު ރަށެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވައި، އެ ކަން ކުރިއަށް ގެންދެވުމަކީ ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރުމަށް ކައުންސިލުތަކަށް މަގުފަހިވެގެން ދާނެ ކަމެއްގެ ގޮތުގައި ވަޒީރު ދެކިވަޑައިގަންނަވައި ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލުތަކަށް މާލީ ތަނަވަސްކަން އިތުރުވެގެން ދިއުމުގެ ސަބަބުން ރަށްރަށުގެ ޤާބިލުކަން އުފެދި، ޕީއެސްއައިޕީ ޕްރެޖެކްޓްތަކުގައި ނުހިމެނޭ މަޝްރޫޢުތައް ކައުންސިލުތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭ ދުވަހެއް ފެނިގެން ދިއުމުގެ އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.