މަގުބައްތިތަކުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފިއެވެ. މި ގޮތަށް ނިންމެވީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މި ކަމާ ގުޅުން ހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ފިނޭންސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަފީޤާއި، އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ފެނަކައިގެ އެމްޑީ މުޢާޒް މުޙައްމަދު ރަޝީދާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓް ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ޙައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ޙައްލެއް މިއަހަރުތެރޭ ހޯދާ ގޮތަށް ވެސް ނިންމެވިއެވެ.
މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަކީ، މުހިންމު ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމެވީ ރައްޔަތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ޓަކައެވެ.