ރަށްރަށުގެ ކައުންސިލުތަކަށް ކުރިމަތިވާ އެކި ކަންކަމުގައި ސަރުކާރާ ގާތުން މަސައްކަތްކުރެވޭނެ ގޮތް މިހާރު ވަނީ ފަހިކޮށްދެވިފައި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީއެސްއެމުން ގެނެސްދެއްވި "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލުތަކާ ގާތްގުޅުމެއް އުފައްދައި ކައުންސިލުތައް ބާރުވެރިވާނޭ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުން ކަމަށެވެ.
"ކައުންސިލުތަކުން ބޭނުންވާ ކަންކަމުގައި މިނިސްޓްރީތަކާއެކު މަޝްވަރާކުރުން ފަސޭހަކުރުމަށް ޓަކައި ކޮންމެ ވުޒާރާއެއްގައި ވެސް މިހާރު ވާނީ ފޯކަލް ޕޮއިންޓެއް ކަނޑައެޅިފަ. އަދި އެ މަޢުލޫމާތު ސިޓީސް މިނިޓްރީގެ ވެބްސައިޓުން ފެންނަ ގޮތަށް މިހާރު ވާނީ އާންމުކޮށްފަ"ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކައުންސިލުތަކުގެ ކަންކަން ބަލަހައްޓައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެ ހިމެނޭ ގޮތަށް 7 ކުލަސްޓަރއަށް ބަހައިލެވި އެ ކުލަސްޓަރތައް ހިންގުމަށް ކުލަސްޓަރ އެގްޒެކެޓިވުންނާއި، އަތޮޅު ކޯޑިނޭޓަރުން ލެވި، ރަށްރަށުގެ ކައުންސިލުތަކަށް ދިމާވާ ދަތިތައް ދެނެގަނެ ކައުންސިލުތަކާ ވަރަށް ގާތުން ހަރުދަނާ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށެވެ.
މި ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އުފަންވެގެން އައީ ބަދަލުހިފުމުގެ ރޫޙެއްގައި ކަމުގައި ވުމުން އެ ނިޒާމު ބައްޓަންކުރަން ބޭނުންވި ގޮތާ، އެ ނިޒާމު ހިންގަންޖެހޭ ގޮތުގައި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.