news photo

ކުރަމުންމިދާ ވިއްސާރާގައި މާލޭގައި ފެންބޮޑުވެދާނެތީވެ ދުރާލާ ދެހާސް ގޯނި ވެލި ވަނީ ތައްޔާރު ކޮށްފައި: މިނިސްޓަރ އާދަމް ޝަރީފް

13 އޯގަސްޓު 2024

ރާއްޖެއަށް ކުރަމުން މިދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވާނެ ކަމަށް ލަފާ ކޮށް ސިޓީސް މިނިސްޓްރީއާއި ކަމާގުޅޭ މުއައްސަސާތަކުން ދެހާހަށް ވުރެ ގިނަ ވެލިބަސްތާ ތައްޔާރު ކޮށްފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މާލެއަށް ވެހެމުންދާ ބޯވާރޭގެ ތެރޭގައި އެމިނިސްޓްރީގެ މުއައްޒަފުން ކުރައްވަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ތައި ކޮށްޓަށް ވަޑައިގެން ހަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި އިންޓަވިއު އެއްގައެވެ.

" މިއަދު މިކަން ކުރިމަތިވާނެކަން އަޅުގަނޑުމެންނަށް އިންގޭތީވެ ދުރާލާ ސަރުކާރުގެ މުއައްސަސާ ތަކާވެސް ގުޅި ކޯޑިނޭޓް ކުރެވިގެން އަދި މިއަދު ހެދުނުވާނީ ޑިޒާރސްޓަރ މޭނޭޖްމެންޓް އޮތޯރިޓީއާއި ވެސް ބައްދަލުކޮށް މިކަމުގައި އަޅުގަނޑުމެން ކުރިއަށް ދާންވީގޮތަކާއިމެދު މަޝްވަރާ ކޮށްފައި. މިހާރު މާލޭގޭ އެކި ހިސާބާުތަކަށް ވެލިބަސްތާތައް ގެންދިއުމުގެ މަސައްކަތް މިވަނީ ފެށިފައި" ބޯ ވިއްސާރައިގައި ތެމިވަޑައިގެން ހުންނަވާ ދެއްވި އިންޓަވިއުގައި ވަޒީރު ވިދާޅުވިއެވެ

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ކުންފުނިތަތަކާއި މާލޭ ސިޓީކައުންސިލުން ވަރަށް ރަނގަޅަށް ކޯރޑިނޭޓް ކުރެވިގެން ރަނަގަޅު މަސައްކަތްތަކެއް ކުރެވިގެން ދާކަމަށާއި މިވަގުތު ހުޅުމާލެއިންވެސް ވެލިބަސްތާތައް މާލެއަށް މިހާރު ގެންނަމުން ގެންދާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދާ ވިއްސާރާގައި ހއ. އަތޮޅުގެ 9 ރަށެއްގައި މިހާތަނަށް ވަނީ ފެންބޮޑުވެ އަދި ގެދޮރާއި މުދަލަށް ގެއްލުންވެގެން ރިޕޯރޓް ކޮށްފައެވެ. އެރަށްތަކުގެ ފެން ހިންދުުގެ މަސައްކަތުގައި އެމް.އެން.ޑީ. އެފުން އަންނަނީ ބައިވެރި ވަމުންނެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި ހުޅަނގުމޫސުުމުގެ މި ވިއްސާރަ 5 ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.