މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ވަޒީރު އާދަމް ޝަރީފް އުމަރު ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ބައްދަލުކުރައްވައިފި އެވެ. މިބައްދަލުވުމުގައި ވަޒީރުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ރަސީދު އާއި ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަރާހު އެވެ.
އެންޑީއެމްއޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ސެކެޓްރީ ޖެނެރަލް ސަފީނާޒް ހަސަން އެވެ. މިބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ވިއްސާރައިގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންނެވެ. އެގޮތުން މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ވަނީ ހިޔާލު ބަދަލުކޮށްފަ އެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރު ރާސްތާ ޑިވެލޮޕްމަންޓް ޕްލޭން ހައްދަވައި މަސައްކަތް ކުރަން ޖެހޭކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ. މިމައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ކައުންސިލުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓު ދަތިކަން ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.