news photo

އެންމެ ފުޅާ ދާއިރާ އެއްގައި ޓްއަރިޒަމް ތަރައްޤީ ކުރެވޭނެ ޤާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީ: ވަޒީރު އާދަމް ޝަރީފް

17 އޯގަސްޓު 2024

ޓްއަރިޒަމް ދާއިރާގައި އެންމެ ތަޖްރިބާހުރި އަދި އެންމެ ފުޅާދާއިރާ އެއްގައި ޓްއަރިޒަމް ފުޅާކުރެވޭނެ ޤާބިލް ފަރާތްތައް ތިއްބެވި ސިޓީއަކީ އައްޑޫ ސިޓީކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭންޑެއް ތަރައްޤީ ކޮށް ޕްރީމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓް ކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިންގަމުން ގެންދާ ރިސޯރޓްތަކަށް ބެލިކަމުގައި ވީނަމަވެސް ރިސޯރޓްތަކުގައި ދިވެހިން އެންމެ ގިނަ އަދަދަކަށް މަސައްކަތް ކުރައްވާ ފަރާތްތަކަކީ އައްޑޫސިޓީއަށް ނިސްބަތްވާ ބޭފުޅުން ކަމަށާއި އެހެންކަމުން މަސައްކަތްތެރިކަމާއި އެކަމަށް ބޭނުންވާާ ސްކިލް ބޭފުޅުން އައްޑޫސިޓީގައި ތިއްބެވިކަމީ އައްޑޫގެ ޓްއަރިޒަމް ފުޅާކޮށް ކުރިއަށް ގެންދެވުމަށް ލިބިގެންދާ ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ. "ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިހާރު ހިނގަމުންދާ ރިސޯރޓް ތަކަށް ބެލިކަމުގައި ވީނަމަވެސް ރާއްޖޭގެ ދިވެހިން އެންމެގިނަ މަތީފަންތީގައިވެސް އެކި އަދި އެކި ފަންތިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ތިއްބަވާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ބޭފުޅުން" މިނިސްޓަރ ވިދާޅުވިއެވެ. ވިޔާފާރި ސިނާއަތުގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ބެލިކަމުގައި ވީނަމަވެސް އައްޑޫ ސިޓީއަކީ ރަނގަޅު ތަނެއްކަމަށް ސިފަކުރައްވަމުން އެކަމަށް މިސާލު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސާދަ ރިސޯރޓެއްގެ އޯނަރުން އައްޑޫސިޓީއަށްް ނިސްބަތްވާކަމަށެވެ. " އައްޑޫ ސިޓީއަކީ ވަރަށް ތަފާތު ސިޓީއެެއް ތަޢުލީމީ ޒުވާނުން ތަކެއް ހާއްސަކޮށް މިފަންނުގައި {ޓްއަރިޒަމް}ފަންނުގައި ކުރިއަރައި ގޮއްސަ ތިބި ބޭފުޅުންތަކެއް ތިއްބެވި ސިޓީއެއް ހަމަ އެއާއި އެކީގައި އައްޑޫ ސިޓީއަކީ ހުރިހާގޮތަކުން ބެލިކަމުގައި ވީނަމަވެސް މިކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އޮތް ސީޓީއެެއް" މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ތެރެއިން އައްޑޫ ސިޓީގެ ޓްއަރިޒަމް ކުރިއަރުވަން ކޮށްދެވެން އޮތް މަސައްކަތަތަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވިދާޅުވެފައެވެ. މިފަދަ މަސައްކަތްތައް ކުރުމުގެ އަމާޒަކަަށް ވާންވާނީ އައްޑޫ ސިޓީގެ ސިނާއަަތު ކުރިއަރުވަން ކުރާ މަސައްކަތް ތަކުގައި އެންމެން އެކަތިގަނޑަކަށް ވެގެން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނުވަނީ އައްޑޫ ސިޓީގެ އެންމެހާ ފަރާތްތަކެއްގެ ކިބައިން އެދިވަޑައިގެންފައެވެ.