އައްޑޫ ސިޓީގައި ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ހަރުފަތް މިހާރު މިއޮތީ ގިރާކުރެވިފަ: ވަޒީރު އާދަމް ޝަރީފު
17 އޯގަސްޓު 2024
އައްޑޫ ސިޓީގައި ޓުއަރިޒަމް ފުޅާކުރުމުގެ މަސައްކަތުގެ ފުރަތަމަ ހަރުފަތް ހަމަ ޔަޤީނުން ވެސް މިހާރު މިއޮތީ ގިރާކުރެވިފައި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ފުރިހަމަ ސިޓީ ބްރޭޑެއް ތަރައްްްޤީކޮށް ޕްރިމިއަރ ބްރޭންޑެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓުކުރުމަށް "ޑެސްޓިނޭޝަން އައްޑޫ 2024 ސަމިޓް" ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ތިޔަ ބޭފުޅުންގެ ވިސްނުންފުޅުތަކާ އެއްގޮތަށް ފެއްޓުމުގެ ރޫޙެއް އުފެއްދުމަށް ޓަކައި މިއަދު މި ބުލޫ ލެގޫން މާހަޢުލުގައި ތިޔަ ހުރިހައި ބޭފުޅުން މިއަދު ތިއްބެވި ތިއްބެވުން. އަދި މިއަދު މި ސަމިޓް ފެށިގެން މި ދާކަމީ އެކަން ކާމިޔާބުވާނެ ކަމުގެ ފެހި ސިގުނަލެއް" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ވިދާޅުވީ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އޮފީސްތަކަށް ޒިޔާރަތްކުރުމުން ރަށްތަކުގެ ތަރައްޤީއަށް ބޭނުންވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގިގެން ދިޔަ ކަމަށާ، އަދި އޮފީސްތަކާ، މަސައްކަތްތަކާ ގުޅިފައިވާ މިންވަރާ، ސަރުކާރާދޭތެރޭ ކުރާ އުންމީދު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.
"މިއަދު ތިޔަ ބޭފުޅުން ސަމިޓް ބާއްވާ ހޯލަކީ މީގެ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުކުރިން ގުދަނެއް. އެހެންނަމަވެސް މިއަދު ލިބޭ ވަރަށް ބޮޑު އުފަލެއް އެއް ދުވަހުން އަނެއް ދުވަހަށް މި ހޯލު ތަރައްޤީވަމުން އައިސް މިއަދު އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މިފަދަ މަސައްކަތެއް ކުރެވިގެންދާކަން. އެއީ ބަޔަކު އިސްނަގައިގެން ކަމެއް ކުރިޔަށް ގެންދަން ބޭނުންވެއްޖެ ނަމަ އެ ކަމެއް ކުރެވިގެންދާނެ ކަމުގެ ވަރަށް ބޮޑު ޙަޤީޤީ ހެތްކެއް" ވަޒީރު އާދަމް ޝަރީފު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރުދެއްކެވި ވާހަކަފުޅުގައި އީކުއޭޓަރ ވިލެޖު ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، އެ މަސައްކަތް ސިޓީ ކައުންސިލުން ކުރައްވާފައި ވަނީ އެ ފަދަ ކަމަކަށް އެހީތެރިވެދޭން ތިބޭ ފަރާތްތަކަށް ވެސް، އެ ކަން ކޮށްދިނުމަށް ލިބޭ ބާރަކަށް ވެސް ވެގެންދާ ގަތޮށް ކަމަށް، ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި މިއަދު ފެށުނު ސަމިޓުގައި ބައިވެރިވުމަށް ވަޒީރު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައި ލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ވަޒީރުގެ މި ދަތުރުފުޅުގައި، އައްޑޫ ސިޓީ ހިމެނޭ ކުލަސްޓަރ ބެލެހެއްޓުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.